ތިލަފުށީގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ މަރުވި ހާދިސާގައި، އެކްސްކަވޭޓަރު ދުއްވަން އިން ސްރީ ލަންކާގެ ޑްރައިވަރުގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
ދައުވާ ނުކުރަން ނިންމީ، ހާދިސާ ހިނގުމުގައި ޑްރައިވަރު، އުމުރުން 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަގެ އިހުމާލެއް އޮތްކަން ތަހުގީގުން ސާބިތު ނުވުމުންނެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 24 އަހަރުގެ އަމީން މިއާ އެވެ.
ފުލުހުން މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ "ގަސްދަކާނުލައި މީހަކު މެރުމުގެ ކުށުގެ ދައުވާ" އުފުލުމަށެވެ. އެހެންނަމަވެސް ފުލުހުން ހާދިސާ ހިނގި ގޮތް އަލުން ކުޅެ ދިރާސާކުރި ދިރާސާތަކުން ދައްކާ ގޮތުގައި، އެ ސަރަހައްދުގައި ހުރި އަލިކަމާއި މަސައްކަތުގެ މާހައުލު އޮތް ގޮތުން، އެ ސަރަހައްދުގައި މީހަކު ހުރިކަން ޑްރައިވަރަށް އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. އޭގެ އިތުރުން، ހާދިސާ ހިނގި ވަގުތު އަމީން މިއާ ހުރީ އެކްސްކަވޭޓަރާ ގާތްގަނޑަކަށް 10 ފޫޓު ދުރުގައި ކަމަށްވެސް ޕީޖީ އޮފީހުން ފާހަގަކުރެއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ބަލާއިރު އެ ވަގުތު އެ ސަރަހައްދުގައި އަމީން މިއާ ހުންނަން ޖެހޭ ސަބަބެއް ނެތެވެ. އަދި ކުނިގޮނޑަށް އެރުމަކީ ނުރައްކާތެރި ކަމެއް ކަމުން ވެމްކޯއިން އެކަން މަނާކޮށްފައި އޮތްއިރު، އޭނާ އެތަނަށް ގޮސްފައިވަނީ އެ އުސޫލުތަކާ ޚިލާފަށެވެ.
އަމީން މިއާ މަރުވެފައި އޮއްވައި ފެނުނީ ތިލަފުށީގައި ހުރި ކުނި ފުންޏެއްގެ ތެރެއިންނެވެ. ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި، އެކްސްކަވޭޓަރުގެ ދަތްގަނޑުން އަމީންގެ ގައިގައި ޖެހި އޭނާ ވެއްޓުނު ނަމަވެސް، ޑްރައިވަރަށް އެކަން ރޭކާލާފައެއް ނުވެއެވެ. އެއަށްފަހު މަސައްކަތް ކުރިއަށް ދިޔަ ވަގުތު، ކުނިތަކާއެކު އޭނާގެ ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުވެ، ކުނިތަކުގެ ދަށުވެ ނޭވާ ހާސްވެގެން އޭނާ މަރުވީ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، މަރުވި މީހާއާއި ޑްރައިވަރާ ދެމެދު އެއްވެސް ބާވަތެއްގެ ޒާތީ ހަސަދައެއް ނުވަތަ އަދާވަތްތެރިކަމެއް އޮތްކަން ތަހުގީގަށް ހޯދިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ