ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ ހޭދަ ދެނެގަތުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޚާއްޞަ ސާވޭއެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މަރުކަޒީ ބޭންކުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ސާވޭ ކުރިއަށްދާނީ މި މަހުގެ 25 އިން 31 ގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި ކަމަށެވެ. ސާވޭ އަމާޒުކޮށްފައި ވަނީ ބޭރު ގައުމުތަކަށް ދަތުރުކުރުމަށްފަހު ރާއްޖެ އެނބުރި އަންނަ ދިވެހިންނަށެވެ.
އެމްއެމްއޭ އިން ފާހަގަކުރި ގޮތުގައި، މި ސާވޭ ކުރުމުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް އެކުލަވާލުމަށް ބޭނުންވާ މުހިންމު މައުލޫމާތު ހޯދުމެވެ.
ސާވޭގައި ސުވާލުކުރެވޭނެ ބައިތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު ބޭނުމާއި، ޒިޔާރަތްކުރި ގައުމާއި، ޓިކެޓަށާއި ހުރުމަށް ހިނގި ޚަރަދާއި، ބޭސްފަރުވާއަށް ކުރެވުނު ޚަރަދާއި، މުޅި ދަތުރަށް ޖުމްލަ ގޮތެއްގައި ހިނގި ޚަރަދު ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. ނަމަވެސް ދަތުރުކުރި ފަރާތުގެ ނަމާއި އެޑްރެސް ފަދަ ޒާތީ އެއްވެސް މައުލޫމާތެއް ސާވޭ މެދުވެރިކޮށް ނުނަގާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
މި މުއްދަތުގައި އެއާޕޯޓުގެ އެރައިވަލް ހޯލުގައި އެމްއެމްއޭގެ މުވައްޒަފުން މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެ ކަމަށާއި، އެ ދުވަސްވަރު ރާއްޖެ އަންނަ ދިވެހިންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ