ފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފިއުޗާ ހޯމްސްއިން އަޅާފައިވާ އިމާރާތުގެ މައްސަލައިގައި، ކޯޓުން ބޭރުން ހައްލެއް ހޯދަން ސިވިލް ކޯޓުން މިއަދު ހަފުތާއެއްގެ މުއްދަތެއް ދީފި އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފިއުޗާ ހޯމްސްއަށް އެންގީ އެ ބިމުގައި ހަދާފައިވާ އިމާރާތް ހުސްކުރުމަށެވެ. މި އެންގުން ހުއްޓުވުމަށް، ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ފަޒީލް (އޮއްޕޮ) މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި ހިންގަވާ ފިއުޗާ ހޯމްސް އިން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައި، ވަގުތީ އަމުރެއް ނެރެދޭން އެދިފަ އެވެ.
މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި، މައްސަލަ ބައްލަވާ ގާޒީ ވަގުތީ އަމުރާ މެދު ގޮތެއް ނުނިންމަވައި ދެ ފަރާތަށް ދެއްވީ ވާހަކަ ދައްކައިގެން ހައްލެއް ހޯދުމުގެ ފުރުސަތެކެވެ. ހަފުތާއެއްގެ ތެރޭގައި ހައްލެއް ނުހޯދިއްޖެ ނަމަ، ވަގުތީ އަމުރާ މެދު ގާޒީ ގޮތެއް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
ފިއުޗާ ހޯމްސް އިން ވަނީ އެފްއޭއެމްގެ އެންގުމަށް އަމަލުކޮށްފި ނަމަ އެ ކުންފުންޏަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށާއި، އެ ގެއްލުމުގެ ބަދަލު ދިނުމުގެ މާލީ ގާބިލްކަން މި ވަގުތު އެފްއޭއެމްގައި ނެތް ކަމަށް ބުނެފަ އެވެ. އެކަމަށް ރައްދު ދެއްވަމުން އެފްއޭއެމުން ބުނީ، ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގައި ހިމެނޭ އަގުތަކަކީ އެފްއޭއެމަށް އަދާކުރެވޭ ފެންވަރުގެ އަގުތަކެއް ކަމަށެވެ.
ފިއުޗާ ހޯމްސް އިން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނާ ގޮތުގައި، 2023 ވަނަ އަހަރު އެފްއޭއެމް އާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކުރަން ޖެހޭ މަސައްކަތްތައް ވަނީ ފުރިހަމަކޮށްފަ އެވެ. އެ އެއްބަސްވުމުގައި ބުނަނީ، ޓާފު ދަނޑުގެ ދެކުނުން ކުނިތައް ސާފުކުރުމާއި ޗޭންޖިން ރޫމެއް ހެދުމުގެ ބަދަލުގައި، ސްޓޭޑިއަމުން 2،700 އަކަފޫޓުގެ ބިމެއް 25 އަހަރަށް، އެއްވެސް ކުއްޔަކާ ނުލައި، އެ ކުންފުންޏަށް ދޫކުރުމަށެވެ. އަދި އެ މަސައްކަތްތައް ފުރިހަމަކުރުމުގައި އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ނަމަވެސް އެފްއޭއެމުން ބުނާ ގޮތުގައި، އެ ބިމުގައި އަޅާފައިވާ ދެ ބުރީގެ އިމާރާތް އަޅާފައި ވަނީ ހައުސިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލުން ނަގަން ޖެހޭ އެއްވެސް ހުއްދައެއް ނުނަގަ އެވެ. މިކަން އެ ދެ އިދާރާއިން ލިޔުމުން ވެސް އެފްއޭއެމަށް އަންގާފައިވާ ކަމަށްވެ އެވެ. ބިން ހުސްކުރަން ތަކުރާރުކޮށް އެންގުމުން ވެސް އެކަން ކޮށްފައި ނުވާތީ، ފިއުޗާ ހޯމްސްއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.
އެފްއޭއެމުން ކުރާ ތުހުމަތުތައް ފިއުޗާ ހޯމްސް އިން ދޮގުކުރެ އެވެ. އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ، ބިން ހުސްކުރުމަށް އެއްވެސް އިރެއްގައި ދެކޮޅު ހަދާފައި ނުވާނެ ކަމަށާއި، އެ ބިމަށް ކުންފުނިން ކޮށްފައިވާ ހަރަދުތަކާއި ބިން ނަގައިފި ނަމަ ލިބޭނެ ގެއްލުމުގެ ބަދަލު ލިބުމުން ބިން ހުސްކުރުމަށް އިއުތިރާޒު ނުކުރައްވާނެ ކަމަށެވެ.
ފިއުޗާ ހޯމްސް އިން ދައުވާގައި އިތުރަށް އެދިފައި ވަނީ، އެފްއޭއެމުން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި، އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތުމަށް އަމުރުކޮށްދިނުމަށާއި، ބިމުގައި ކުރަމުން ދިޔަ މަސައްކަތް ހުއްޓުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮތް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ކޮމެންޓު ފޮނުވާ