ރާއްޖޭގައި ޑޮލަރުގެ ދަތިކަން ބޮޑުވަމުންދާ މައްސަލައިގައި މަރުކަޒީ ބޭންކުން ކުރަމުންދާ މަސައްކަތްތައް ސާފުކުރުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރާ ބައްދަލުކުރުމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) އިން އެދިއްޖެއެވެ.
މި އެދުމުގެ ސިޓީ ފޮނުއްވާފައިވަނީ އެމްޑީޕީ ޕީޖީގެ ސެކްރެޓަރީ ޖެނެރަލް އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ. ސިޓީގައި ކުޑޫ ފާހަގަކުރައްވާފައިވަނީ، ފޮރިން އެކްސްޗޭންޖް ޤާނޫނު މިދިޔަ އަހަރު ޢަމަލުކުރަން ފެށި ނަމަވެސް، އެ ޤާނޫނު ތަންފީޒުކުރުމުގައި ހުރި ނިޒާމީ މައްސަލަތަކުގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒާރު އިތުރަށް ފުޅާވަމުންދާ ކަމަށެވެ.
ޑޮލަރު ލިބުމުގައި ދަތިކަން ކުރިމަތިވެފައިވުމާއި، ކަޅު ބާޒާރުގެ ރޭޓް ތިރި-މަތިވުމުގެ ސަބަބުން ޢާންމުންނަށާއި ޤައުމުގެ އިޤުތިޞާދަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް، ވީހާވެސް އަވަހަކަށް ގަވަރުނަރާ ބައްދަލުކޮށްލަން ޕީޖީން އެދޭ ކަމަށް ކުޑޫ ވިދާޅުވިއެވެ.
ސިޓީގައި ފާހަގަކޮށްފައިވާ މުހިންމު އެއް ކަންބޮޑުވުމަކީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދާދި ފަހުން ތަޢާރަފުކުރި ޑޮލަރު އިންވެސްޓްމަންޓް ފުރުޞަތުގެ އަސަރެވެ. މި ސްކީމުގެ ސަބަބުން ޤައުމުގެ އެކްސްޗޭންޖް ނިޒާމަށް އަސަރުކޮށް، ކަޅު ބާޒާރުގެ ރޭޓް އިތުރަށް ނުހިފެހެއްޓޭ ހާލަތަށް ދިއުމުގައި ބައިވެރިވެފައިވާ ކަމަށް ކުޑޫ ފާހަގަކުރެއްވިއެވެ.
ބީއެމްއެލް އާއި އެހެން ބޭންކުތަކުން ކާޑުގެ ލިމިޓް ދަށްކުރުމުގެ ސަބަބުން، ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދިވެހީންނާއި، ބޭސްފަރުވާއަށް ބޭރަށް ދާ ފަރާތްތަކަށާއި، ޢާންމުންނަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުންވެސް ސާފުކުރުމަށް ސިޓީގައި އެދިފައިވެއެވެ. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ބޭނުންވާ ފަރާތްތަކަށް މި ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ކުޑޫ ވިދާޅުވިއެވެ.
މީގެ އިތުރުން، ކަޅު ބާޒާރުގެ ރޭޓް ބޮޑަށް ތިރި-މަތިވުމުގެ ސަބަބުން، މުދާ އެތެރެކުރުމުގައި ވިޔަފާރިވެރިންނަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށާއި، މަތީ އަގުގައި ވެސް ޑޮލަރު ލިބެން ނެތް ހާލަތެއް އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ސަބަބުން ބާޒާރުގައި މުދަލުގެ އަގު އުފުލި، އިންފްލޭޝަން ބޮޑުވަމުންދާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މަރުކަޒީ ބޭންކުގެ މިނިވަންކަމާ ބެހޭގޮތުންވެސް ކުޑޫ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެމްއެމްއޭ ޤާނޫނުގައި މަނިޓަރީ ސިޔާސަތުގެ މުޅި އިޚްތިޔާރު އެ އޮތޯރިޓީއަށް ދީފައިވީނަމަވެސް، ފަހަކަށްއައިސް މުހިންމު ބައެއް މަނިޓަރީ ނިންމުންތައް ސަރުކާރުގެ ސިޔާސީ ބޭފުޅުން ޢާންމުކޮށް އިޢުލާނުކުރައްވަމުންދާ ކަމަށާއި، މިއީ އެ މުއައްސަސާގެ އިތުބާރާއި މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
ޑޮލަރުގެ ދަތިކަން ޙައްލުކުރުމަށް މަރުކަޒީ ބޭންކުން ކުރަމުންދާ މަސައްކަތްތައް އޮޅުންފިލުވުމަށާއި، އެ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުން ކިހިނެއް އެއްބާރުލުން ދެވިދާނެތޯ މަޝްވަރާކުރުމަށް އެމްޑީޕީ ޕީޖީން ބޭނުންވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ. ޤައުމުގެ އިޤުތިޞާދު ހަމަޖެއްސުމަށާއި، ވިޔަފާރިވެރިންނާއި ޢާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ލުއިކަމެއް ހޯދައިދިނުމަށް ބޭނުންވާ ކޮންމެ ގޮތަކުން ވެސް އެއްބާރުލުން ދޭން ޕީޖީ ތައްޔާރަށް އޮތް ކަމަށް ކުޑޫ ވިދާޅުވިއެވެ.
"މި މައްސަލަތަކަކީ ސީދާ ޢާންމުންގެ ދިރިއުޅުމާއި ޤައުމުގެ އިޤުތިޞާދީ ހަމަޖެހުމާ ގުޅިފައިވާ މައްސަލަތަކަކަށްވާތީ، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ތިޔަ ބޭފުޅާއާއި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕާ ބައްދަލުވުމެއް ބޭއްވުމަށް ވަގުތެއް ހަމަޖައްސަވައި ދެއްވުމަށް ދަންނަވަމެވެ،" ސިޓީގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ