އައްޑޫ ސިޓީ މަރަދޫގައި ހުންނަ ގެއެއް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއްގެ ގޮތުގައި ބޭނުންކުރާކަމަށް ތުހުމަތުކުރެވި، 90 ދުވަހަށް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
މި އަމުރު ނެރެފައިވަނީ ސ. މަރަދޫ، ބޯޅަދަނޑުގެ ބަންދުކުރުމަށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރު ޖުލައި 12 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށް ދެމިގެންދާއިރު، މިއީ މިފަދަ ތަނެއް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ. އަދި މިއީ އައްޑޫ ސިޓީގައި މިފަދަ ތަނެއް ބަންދުކުރުމަށް ނެރުނު ތިންވަނަ އަމުރު ވެސް މެއެވެ.
ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން ބަންދުކުރެވޭ ތަންތަނަށް އެ މުއްދަތުގައި ހުއްދަނެތި ވަދެ ނުކުމެ ހެދުމަކީ ގާނޫނީ ކުށެއް ކަމަށާއި، އެފަދަ ފަރާތްތަކާއި، މި ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ހަމައެއާއެކު، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަނާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަންތަން ހޯދައި ބަންދުކުރުމުގެ މަސައްކަތް، ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ