އޮއްޕޮގެ ކުންފުނިން އެފްއޭއެމާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ކެންސަލް، ދައުވާކުރި ފަރާތް ކޯޓަށް ހާޒިރެއް ނުވި

އޮއްޕޮގެ ކުންފުނިން އެފްއޭއެމާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ކެންސަލް، ދައުވާކުރި ފަރާތް ކޯޓަށް ހާޒިރެއް ނުވި

Author
އަހުމަދު
12 ޖުލައި 2026 02:59
0

ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އިބްރާހީމް ފަޒީލް (އޮއްޕޮ) ގެ ކުންފުނި، ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން، ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން ސިވިލް ކޯޓުން ކެންސަލްކޮށްފިއެވެ.

މިއަދު މެންދުރު 12:30 އަށް ތާވަލުކޮށްފައި އޮތް މި އަޑުއެހުމުގައި ބައިވެރިވެވެން ނެތްކަން ފިއުޗާ ހޯމްސްއިން ކޯޓަށް އެންގުމާ ގުޅިގެން، ޝަރީއަތުގެ އިތުރު އަޑުއެހުމެއް ބާއްވާނެ ތާރީޚެއް ކޯޓުން އަދި ހާމައެއް ނުކުރެއެވެ.

މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފިއުޗާ ހޯމްސްއިން ހަދާފައިވާ 2،700 އަކަފޫޓުގެ ދެބުރި ގުދަން ހުސްކުރުމަށް އެފްއޭއެމް އިން އެންގުމާ ގުޅިގެން، އޮއްޕޮގެ ކުންފުނިން ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅީ މިދިޔަ ހަފުތާގައެވެ. އެ ކުންފުނިން ކޯޓުގައި އެދިފައިވަނީ ބިން ހުސްކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށާއި، ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ކަށަވަރުކޮށްދިނުމަށެވެ.

ފިއުޗާ ހޯމްސްއިން ބުނާ ގޮތުގައި، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އެ ގުދަން ބިނާކުރެވުނީ އެ ސަރަހައްދު ސާފުކޮށް ކުނި އުކާލުމަށް ކުންފުނިން ހޭދަކުރި 1.8 މިލިއަން ރުފިޔާގެ ބަދަލެއްގެ ގޮތުން، އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް 25 އަހަރު ދުވަހަށް ދޫކުރި ބިމެއްގައެވެ. ނަމަވެސް، އެ ކުންފުންޏާއެކު އެފަދަ ރަސްމީ އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށް އެފްއޭއެމް އިން ބުނެއެވެ.

އެފްއޭއެމް އިން ފާހަގަކުރާ ގޮތުގައި، މާފަންނު ސްޓޭޑިއަމް ސަރަހައްދަކީ ފީފާގެ ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި 2017 ވަނަ އަހަރުން ފެށިގެން 50 އަހަރު ދުވަހުގެ މުއްދަތަކަށް ސަރުކާރުން އެ އެސޯސިއޭޝަނަށް ދޫކޮށްފައިވާ ބިމެކެވެ. އަދި އޮއްޕޮގެ ކުންފުނިން އެ ބިމުގައި ގުދަން ބިނާކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އަދި މާލޭ ސިޓީ ކައުންސިލްގެ އެއްވެސް ހުއްދައެއް ނެތި، ގަވާއިދާ ހިލާފަށް ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ކަމާބެހޭ އިދާރާތަކުން ވެސް އެފްއޭއެމް އަށް އަންގާފައިވަނީ، އެ އިމާރާތަކީ އެއްވެސް ކުރެހުމެއް ފާސްކުރުމެއް ނެތި، ބިނާކުރުމުގެ އުސޫލުތަކާ ހިލާފަށް ހަދާފައިވާ ތަނެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.