ޕީއެންސީގެ އިންތިޚާބުގައި މާރާމާރީ؛ ފުލުހުން ތަޙުޤީޤު ފަށައިފި

ޕީއެންސީގެ އިންތިޚާބުގައި މާރާމާރީ؛ ފުލުހުން ތަޙުޤީޤު ފަށައިފި

Author
އަހުމަދު
12 ޖުލައި 2026 12:25
0

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދިޔަ ހުޅުމާލޭގެ ސްކޫލަކަށް ވަދެ، ބަޔަކު ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގެ ވޯޓު ގުނުމުގެ މަސައްކަތް ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ސްކޫލެއްގައި ކުރިއަށްދަނިކޮށް، މިރޭ 9:15 ހާއިރު ބަޔަކު ވަދެ، އެ ސްކޫލާއި ސްކޫލްގެ މުދަލަށް ގެއްލުންދީ، އެ ތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ ކަމަށެވެ. ފުލުހުން މިހާރު އެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ބުނި ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

މިއީ ޕީއެންސީގެ ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ގުނަން ފެށުމުން ދިމާވި ހަމަނުޖެހުމެއް ކަމަށް މަޢުލޫމާތު ލިބެ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މި ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ކާމިލް ދީދީ ސްކޫލްގަ އެވެ.

އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ދެ ގްރޫޕެއްގެ ދެމެދުގައި ފުރަތަމަ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރުމަށްފަހު، މާރާމާރީ ބޮޑުވެ، އެކަކު އަނެކެއްގެ ގައިގައި އަތްލައި، ގޮނޑިވެސް އުކާފައިވެ އެވެ. މި ހަމަނުޖެހުމުގައި ސްކޫލުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވީޑިއޯއިން ދޭހަވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.