ހިމަންދޫ މޫދުން ގެނބެމުންދިޔަ ދެ ކުއްޖަކު ސަލާމަތްކޮށްފި

ހިމަންދޫ މޫދުން ގެނބެމުންދިޔަ ދެ ކުއްޖަކު ސަލާމަތްކޮށްފި

Author
އަހުމަދު
08 ޖުލައި 2026 01:37
0

އއ. ހިމަންދޫ މޫދަށް އެރި އުޅުނު ދެ ކުއްޖަކު ގެނބެމުންދަނިކޮށް، ފުލުހުންނާއި އާންމުންގެ އެހީތެރިކަމާއެކު ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ ރަށުގެ އުތުރު ފަރާތު މޫދުގައި ކަމަށާއި، ހާދިސާގެ މައުލޫމާތު ފުލުހުންނަށް ދީފައިވަނީ އެ ސަރަހައްދުގައި ހުރި އަންހެނަކު ކަމަށެވެ. މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ގޮނޑުދޮށުން ފެށިގެން ގާތްގަނޑަކަށް 100 މީޓަރު ދުރުގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ގެނބެމުންދާ މަންޒަރު ފެނުނު ކަމަށް ފުލުހުން ބުނެއެވެ.

އެ ދެ ކުދިން ސަލާމަތްކުރުމަށްޓަކައި، ޕޮލިސް ކޮންސްޓަބަލް އިބްރާހީމް ނަބީހް އާއި އެ ރަށު އާންމު ފަރާތެއް ކަމަށްވާ އއ. ހިމަންދޫ / ދިލާސާގެ މުޙައްމަދު އާޙިލް ވަގުތުން މޫދަށް ފުންމާލައި، ފަތާފައި ގޮސް ކުދިން ތިބި ސަރަހައްދަށް ދިޔައެވެ. މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.

ފުލުހުން ބުނީ، ދެ ކުދިން ސަލާމަތްކޮށްގެން އެއްގަމަށް ގެނައުމުގައި ހިމަންދޫގެ އިތުރު ދެ މީހަކުވެސް އެހީތެރިވެދިން ކަމަށެވެ. އެންމެންގެ އެހީތެރިކަމާއެކު އެ ދެ ކުދިން ރަށުގެ ބީޗް ސަރަހައްދަށް ސަލާމަތުން ގެނެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރޭގައި އެ ދެ ކުދިންނަށް ކޮންމެވެސް ވަރަކަށް ލޮނު ބޮވުނު ނަމަވެސް، ކުދިންގެ ހާލު ސީރިއަސް ނޫން ކަމަށާއި، ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް، މޫދަށް އެރި އުޅުމުގައި ސަމާލުވުމަށާއި، ކުޑަކުދިން މޫދަށް އެރި އުޅޭއިރު ބޮޑެތި މީހުންގެ ބެލުމުގެ ދަށުން އެކަން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.