ރާއްޖޭގެ ޖުމްލަ ދަރަނި 10 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، ދައުލަތުން މިވަގުތު ދައްކަންޖެހޭ 44 ލޯނެއް އެބައޮތްކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީގެ ލޯނު ރިކޯޑުތަކުން ދައްކާ ގޮތުގައި ރާއްޖެއިން މިހާތަނަށް ޖުމްލަ 142 ލޯނެއް ނަގާފައިވާއިރު، އޭގެ ތެރެއިން 98 ލޯނެއް ވަނީ ދައްކާ ޚަލާސްކޮށްފައެވެ. ދައުލަތުން އެންމެ ފުރަތަމަ ލޯނެއް ނަގާފައިވަނީ 1979 ވަނަ އަހަރުގެ ޖޫން މަހު، މަސްވެރިކަމުގެ މަޝްރޫޢަކަށް އައިޑީއޭ އިންނެވެ. މިހާރު ދައްކަން ބާކީ އޮތް 44 ލޯނުގެ ޖުމްލަ އަދަދު 1.32 ބިލިއަން ޑޮލަރަށް އަރާއިރު، މީގެ ތެރެއިން އެންމެ ގިނަ ލޯނު ނަގާފައިވަނީ ޑޮލަރުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި އަހަރުގެ ތެރޭގައި ޖުމްލަ 80 މިލިއަން ޑޮލަރުގެ ދެ ލޯނެއް ވަނީ ނަގާފައެވެ. އެއީ ރަށްރަށުގެ ބަނދަރު ތަރައްޤީކުރުމަށް އޭޕްރީލް މަހު އޯޕެކް ފަންޑުން ނެގި 40 މިލިއަން ޑޮލަރާއި، މުހިންމު ޚިދުމަތްތަކަށް ކުއްލި އެހީ ފޯރުކޮށްދިނުމަށް މެއި މަހު ވޯލްޑް ބޭންކުން ނެގި 40 މިލިއަން ޑޮލަރުގެ ލޯނެވެ.
ރާއްޖޭގެ ތާރީޚުގައި ނެގި އެންމެ ބޮޑު ލޯނަކީ 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކެވެ. އަދި ވަކި މަޝްރޫޢަކަށް ބަލާއިރު އެންމެ ބޮޑު ލޯނެއް ނަގާފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި 2019 ވަނަ އަހަރު އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުންނެވެ. އެއީ 450.8 މިލިއަން ޑޮލަރެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ލޯނު ދޫކޮށްފައިވަނީ އޭޑީބީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އަދި ވޯލްޑް ބޭންކުންނެވެ. ނަމަވެސް މާލީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ ޗައިނާގެ އެގްޒިމް ބޭންކުންނާއި، އިންޑިއާ އަދި ސަޢުދީ އަރަބިއްޔާއިންނެވެ. މީގެ ތެރޭގައި އެއަރޕޯޓް ތަރައްޤީކުރުމާއި، ބްރިޖު އެޅުމާއި، ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތައް ހިމެނެއެވެ.
މި ހުރިހާ ލޯނުތަކާއެކު، ދައުލަތުން ސީދާ ނަގާފައިވާ ދަރަންޏާއި ގެރެންޓީ ދީފައިވާ ދަރަނި ހިމެނޭހެން ޖުމްލަ ދަރަނި ވަނީ 154.85 ބިލިއަން ރުފިޔާ (ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރު) އަށް އަރާފައެވެ. މިއީ ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ނިސްބަތުން ބަލާނަމަ 124.4 އިންސައްތައެވެ. މީގެ ތެރޭގައި ރާއްޖޭގެ ބޭންކުތަކާއި ޕެންޝަން ފަންޑު ފަދަ ފަރާތްތަކަށް ދައްކަންޖެހޭ އެތެރޭގެ ދަރަނީގެ ގޮތުގައި 91 ބިލިއަން ރުފިޔާ ހިމެނޭއިރު، ބޭރުގެ ދަރަނި ހުރީ ގާތްގަނޑަކަށް 63 ބިލިއަން ރުފިޔާގައެވެ.
ކޮމެންޓު ފޮނުވާ