މ. ދިއްގަރުގައި ފާނަބަސަންދު ފެތުރެމުން ދިޔަ ނަމަވެސް، ބަލިމީހުންގެ އަދަދު ދަށްވާން ފަށައިފި

މ. ދިއްގަރުގައި ފާނަބަސަންދު ފެތުރެމުން ދިޔަ ނަމަވެސް، ބަލިމީހުންގެ އަދަދު ދަށްވާން ފަށައިފި

Author
އަހުމަދު
07 ޖުލައި 2026 10:39
0

މ. ދިއްގަރުގައި ފާނަބަސަންދު ފެތުރެމުންދާއިރު، އިތުރު ދެ މީހަކު މި ބައްޔަށް އަލަށް ޕޮޒިޓިވްވެއްޖެއެވެ. ނަމަވެސް ބަލިން ރަނގަޅުވި މީހުންނާއެކު، އެ ރަށުގައި މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމުލަ އަދަދު ވަނީ 17 އަށް ދަށްވެފައެވެ.

މިދިޔަ ބޮޑު އީދު ބަންދަށްފަހު ދިއްގަރުގައި މި ބަލި ފެތުރެން ފަށާފައިވާއިރު، އެ ރަށު ސިއްހީ މަރުކަޒުން މި ކަމުގެ މައުލޫމާތު އާންމުކުރަން ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މިދިޔަ އާދިއްތަ ދުވަހާ ހަމައަށް 20 މީހަކަށް ބަލި ޖެހިފައިވީ ނަމަވެސް، ފަހުން ފަސް މީހަކު ބަލިން ރަނގަޅުވެގެން ދޫކޮށްލުމާ ގުޅިގެން އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ ދަށްވެފައެވެ.

ފާނަބަސަންދަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. މި ބަލި އާންމުކޮށް ފެތުރެނީ ބަލިމީހާ ކެއްސައި ކިނބިހި އެޅުމުގެ ތެރެއިންނާއި، ބަލިމީހާގެ ގައިގައި ނަގާފައި ހުންނަ ބިހިތަކުގައި ބީހުމުން ނުވަތަ އޭނާ ބޭނުންކުރާ ތުވާއްޔާއި އަންނައުނު ފަދަ ތަކެތި ބޭނުންކުރުމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތުދޭ ގޮތުގައި، މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ވަރުދެރަވުމާއި، ނޭފަތުން ފެންއައުމުގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނުގައި ވަރަށް ބޮޑަށް ހިރުވާ ފެންބިހިތަކެއް ނެގުން ހިމެނެއެވެ. މި ބިހިތަކަކީ ފަސޭހައިން ފަޅައިގެންދާ ފެންފޮޅުތަކަކަށް ވާއިރު، ބަލިމީހާގެ ގައިން ބިހިތައް އެއްކޮށް ފަސޭހަވަންދެން ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.