އެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށާއި އެމެރިކާގެ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް ޓްރަމްޕަށް ފޮނުއްވި މި ސިޓީފުޅުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުވެސް މިއަހަރާ ދިމާވާތީ، މިއީ ދެ ޤައުމަށްވެސް ނުހަނު ޚާއްޞަ އަހަރެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ބަދަހި ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙުތިރާމާއި، ދެމެހެއްޓެނިވި ރަޙުމަތްތެރިކަމާއި، ސުލްޙަމަސަލަސްކަން ކުރިއެރުވުމަށް ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖެއިން އެމެރިކާއާއެކު އޮންނަ ގުޅުމަށް ނުހަނު ބޮޑަށް އިސްކަންދޭކަން ހާމަކުރައްވަމުން، ވިޔަފާރިއާއި، އިޤުތިޞާދީ ތަރައްޤީއާއި، ތަޢުލީމީ ދާއިރާގެ އިތުރުން ސަލާމަތީ އަދި ދިފާޢީ ރޮނގުންވެސް ގުޅުން އިތުރަށް ބަދަހިކުރުމުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ގުޅުން ފުޅާކުރުމަށް ރައީސް ޓްރަމްޕާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާ ކަމުގައިވެސް އެމަނިކުފާނުގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ