ޞިއްޙީ ޙާލަތްތަކާ ގުޅިގެން ސިވިލް ސަރވިސް މުވައްޒަފުންނަށް ގޭގައި މަސައްކަތްކުރެވޭނެ އައު އުޞޫލެއް

ޞިއްޙީ ޙާލަތްތަކާ ގުޅިގެން ސިވިލް ސަރވިސް މުވައްޒަފުންނަށް ގޭގައި މަސައްކަތްކުރެވޭނެ އައު އުޞޫލެއް

Author
އަހުމަދު
04 ޖުލައި 2026 07:12
0

ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދަށް ގެނައި އައު އިޞްލާޙާއެކު، ޞިއްޙީ ގޮތުން ދިމާވާ ޚާއްޞަ ޙާލަތްތަކުގައި މުވައްޒަފުންނަށް އޮފީހަށް ހާޒިރުނުވެ ގޭގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ މަގު ފަހިކޮށްދީފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކުރި ސިވިލް ސަރވިސް ޤަވާއިދުގެ 19 ވަނަ އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން، ގޭގައި މަސައްކަތްކުރުމުގެ ހުއްދަ ލިބޭނީ ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މާހިރަކު ނުވަތަ މަރުކަޒަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ. މިކަމަށް ހުއްދަ ދިނުމުގެ އިޚްތިޔާރު އެ އޮފީހެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާއަށް ލިބިގެންވާއިރު، މި ހުއްދަ ދެވޭނީ އެ މުވައްޒަފެއްގެ މަސްއޫލިއްޔަތުތަކަކީ އޮފީހުން ބޭރުގައި ހުރެގެންވެސް ފުރިހަމައަށް އަދާކުރެވޭނެ މަސައްކަތްތަކެއްކަން ޔަޤީންކުރުމަށްފަހުގައެވެ.

މި އުޞޫލުގެ ދަށުން ގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް ސުޕަވައިޒުކުރަން ޖެހޭނެއެވެ. އަދި މި ހުއްދަ ދޫކުރެވޭނީ ވަޒީފާގެ ސިއްރުތައް ހިފެހެއްޓުމަށް އިޤުރާރުވެ، ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކުރުމުންނެވެ. މުހިންމު ޙާލަތެއްގައި އޮފީހަށް ނުކުތުމަށް އަންގައިފިނަމަ އެކަން ކުރުމަށް ޤަވާއިދު ލާޒިމުކުރާއިރު، މަސައްކަތުގެ ފެންވަރު ދަށްކަމަށް ފާހަގަކުރެވިއްޖެނަމަ ހުއްދަ ވަގުތުން ބާތިލުކުރުމުގެ ބާރު އޮފީހަށް ލިބިގެންވެއެވެ.

މި ލުއިފަސޭހަ ގިނަ މުވައްޒަފުންނަށް ލިބުނު ކަމުގައިވިޔަސް، ޓީޗަރުންނާއި ނަރުހުން ފަދަ ޚިދުމަތްދޭ ތަނަށް ކޮންމެހެން ހާޒިރުވާންޖެހޭ ފަންނީ މުވައްޒަފުންނާއި، އިދާރާތައް ހިންގުމާ ހަވާލުވެތިބޭ އިސްވެރިންނަށް މި އުޞޫލުގެ ދަށުން ގޭގައި މަސައްކަތްކުރުމުގެ ފުރުޞަތެއް ނުލިބޭނެކަމަށް ޤަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.