މި ދުވަސްވަރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތާ ގުޅިގެން ގާތްގަނޑަކަށް 8،000 އެއްހާ ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ހާމަކުރައްވައިފިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ކުރިން އަމަލުކުރަމުން އައި ގޮތާ ހިލާފަށް މިހާރު ކޮންމެ ދުވަހަކުވެސް ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މިނިސްޓްރީން އަންނަނީ ގާތުން ބަލަމުންނެވެ. އެގޮތުން ބެލިބެލުމުން ސްކޫލަށް ހާޒިރުނުވާ ކުދިންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އޭގެ ތެރެއިން 40 އިންސައްތަ ދަރިވަރުންނަކީ މާލެ ސަރަހައްދުގެ ސްކޫލްތަކަށް ނިސްބަތްވާ ކުދިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ ކަންބޮޑުވާންޖެހޭ މައްސަލައެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ، ސްކޫލަށް ނުދިއުމަކީ ކުދިންގެ ނަތީޖާއަށާއި އުނގެނުމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މެޗުތައް ބެލުމަށް ޝައުގުވެރިކަން ހުރި ނަމަވެސް، ކުދިންގެ ކިޔެވުމަށް ބުރޫއަރާ ގޮތަށް އަދި ސްކޫލަށް ނުދެވޭ ފަދަ ގޮތަކަށް ކަންކަން އިންތިޒާމު ނުކުރުމަށް ބެލެނިވެރިންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
މިފަހަރުގެ ވޯލްޑް ކަޕް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާއިރު، ރާއްޖޭގެ ގަޑިން ގިނަ މެޗުތައް ދިމާވަނީ ވަރަށް ދަންވަރުގެ ވަގުތުތަކަށާއި، ފަތިހު އަދި ހެނދުނު ކުދިން ސްކޫލުގައި ތިބޭ ގަޑިތަކަށެވެ.
ކޮމެންޓު ފޮނުވާ