ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިވެހިރާއްޖެއިން 50،000 އެމެރިކާ ޑޮލަރު ހަދިޔާކުރަން ނިންމައިފިއެވެ.
މި މުހިންމު ނިންމުން އިއުލާނުކުރެއްވީ، އދ. ގެ މައި މަރުކަޒުގައި ޖުލައި 1، 2026 ގައި ބޭއްވި ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓީނިއަން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) ގެ ޕްލެޖިން ކޮންފަރެންސްގައި، ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަލީ ނަސީރު ވިދާޅުވީ، ޔޫއެންއާރުޑަބްލިއުއޭއަށް އެހީވުމަކީ ހަމައެކަނި ފައިސާގެ ނިންމުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށާއި ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ދެމެހެއްޓުމަށް ރާއްޖެއިން ކުރާ ވަރަށް މުހިންމު އިންވެސްޓްމަންޓެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެ އެޖެންސީއަށް އަމާޒުކޮށް ކުރަމުންދާ ދޮގު ތުހުމަތުތަކާއި ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި، އެޖެންސީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މެދުކެނޑުމެއްނެތި ފަންޑު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވަނީ ގޮވާލައްވާފައެވެ.
ދިވެހިރާއްޖެއިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ސާބިތުކަންމަތީ ދެމިއޮންނާނެކަން ތަކުރާރުކުރައްވަމުން، ޑރ. އަލީ ނަސީރު ވަނީ ރާއްޖޭގެ ފުރިހަމަ ތާއީދު ފަލަސްތީނަށް އޮތްކަން ކަށަވަރުކޮށްދެއްވާފައެވެ. ދިވެހި ސަރުކާރުން ވަނީ މީގެ ކުރިން 2024 ވަނަ އަހަރުވެސް ފަލަސްތީނު ރެފިއުޖީންނަށް އެހީވާ އދ. ގެ މި އެޖެންސީއަށް 50،000 ޑޮލަރުގެ އެހީއެއް ދީފައެވެ.
ކޮމެންޓު ފޮނުވާ