ކުރިއަށް އޮތް ސްކޫލް ބަންދަށް ޚާއްޞަކޮށްގެން ޤައުމީ އެއަރލައިން، މޯލްޑިވިއަނުން އެތެރޭގެ 2000 އަށްވުރެ ގިނަ ދަތުރު ކުރުމަށް ނިންމައިފިއެވެ. މިއީ އާންމުކޮށް ކުރާ ޝެޑިއުލް ދަތުރުތަކާ އަޅާބަލާއިރު %17 އިތުރު އަދަދެކެވެ.
ޕީއެސްއެމް ނިއުސްގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ސީނިއަރ މެނޭޖަރ މާކެޓިން އެންޑް ކޮމިއުނިކޭޝަން ހަސަން ޝާރިޙް އާދަމް ވިދާޅުވީ، ސްކޫލް ބަންދަށް އެ ކުންފުނިން ދުރާލާ ތައްޔާރުވަމުން އަންނަ ކަމަށެވެ. މިހާރުވެސް ކަސްޓަމަރުންނަށް ޓިކެޓް ބުކްކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، މި ދަތުރުތަކުގައި 1،10،000 އަށްވުރެ ގިނަ ފަސިންޖަރުން އުފުލާނެކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ތެރޭގައި އާންމު ޝެޑިއުލްގެ 1700 އަށްވުރެ ގިނަ ފްލައިޓާއި، ޑިމާންޑަށް ބަލައި އިތުރުކުރާ 325 އަށްވުރެ ގިނަ ފްލައިޓް ހިމެނެއެވެ. އެހެންކަމުން، ކުރިއަށް އޮތް ޗުއްޓީގައި އަޅާ ކޮންމެ 6 ފްލައިޓަކުން 1 ފްލައިޓަކީ ޑިމާންޑާ އެއްވަރަށް އިތުރުކުރެވޭ ފްލައިޓެކެވެ.
ނިމިދިޔަ އީދު ބަންދުގައިވެސް މޯލްޑިވިއަނުން ވަނީ ދަތުރުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ގިނަ ދަތުރުތަކެއް ކޮށްފައެވެ. އެގޮތުން އީދު ބަންދުގައި އެކަނިވެސް 1200 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކޮށް، 65،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ވަނީ ޚިދުމަތް ދީފައެވެ. އެފަހަރުވެސް އޮޕަރޭޓްކުރި ކޮންމެ 5 ފްލައިޓަކުން 1 ފްލައިޓަކީ އިތުރުކުރި ފްލައިޓެކެވެ.
ކޮމެންޓު ފޮނުވާ