މޯލްޑިވިއަންގެ ވައިޑް ބޮޑީ އޮޕަރޭޝަނަށް ބަޖެޓުން އެހީވުމަކީ ގޯހެއް ނޫން: މިނިސްޓަރ

މޯލްޑިވިއަންގެ ވައިޑް ބޮޑީ އޮޕަރޭޝަނަށް ބަޖެޓުން އެހީވުމަކީ ގޯހެއް ނޫން: މިނިސްޓަރ

Author
އަހުމަދު
30 ޖޫން 2026 10:32
0

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް ބޮޑީ އޮޕަރޭޝަން ފަދަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މައްސަލައެއް ނޫން ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކެޕިޓަލް އިންވެސްޓްމަންޓެއް ގެނައުމަށް ބަޖެޓުން ސަޕޯޓު ދިނުމަކީ ކުންފުނީގެ މާލިއްޔަތަށް ޖުމްލަކޮށް ގެއްލުންވަމުން ދިއުން ނޫން ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޮޑެތި އެއާލައިންތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭކަން އޭނާ ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އަމީން އެންމެ ބޮޑަށް އަލިއަޅުވާލެއްވީ މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކުން ގައުމުގެ އިގުތިސާދަށް ކުރާ ފައިދާގެ މައްޗަށެވެ. އެގޮތުން، ގައުމީ އެއާލައިންގެ ސަބަބުން ފަތުރުވެރިކަމަށާއި ރައްޔިތުންގެ ދަތުރުފަތުރަށް ލިބޭ ލުއިފަސޭހައިގެ ތެރެއިން އަންނަ އިކޮނޮމިކް ކޮންޓްރިބިއުޝަނަކީ ގައުމެއްގެ ހައިސިއްޔަތުން ބަލަންޖެހޭ އެންމެ މުހިންމު ކަންތައް ކަމުގައި ވިދާޅުވި އެވެ.

ވައިޑް ބޮޑީ އޮޕަރޭޝަންގެ ކާމިޔާބީއާ ގުޅޭގޮތުން ތަފާސްހިސާބުތައް ހިއްސާކުރައްވަމުން އަމީން ވިދާޅުވީ، ފާއިތުވި 16 މަސްދުވަހުގެ ތެރޭގައި ޖުމްލަ 67،000 މީހުން އެ ބޯޓުތަކުގައި ދަތުރުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި 55،000 ފަތުރުވެރިންނާއި ހައްޖާއި އުމްރާއަށް ދިޔަ ދިވެހިން ހިމެނެ އެވެ. މި އޮޕަރޭޝަންގެ ދަށުން ޝެޑިއުލް ދަތުރުތަކުގެ ގޮތުގައި ޗައިނާގެ ތިން މަންޒިލަކަށާއި އޮސްޓްރޭލިއާއަށް ދަނީ ދަތުރުކުރަމުންނެވެ. އަދި މޫސުމީ ޑިމާންޑާ އެއްގޮތަށް ސައުދީ އަރަބިއްޔާގެ ޖިއްދާއަށާއި، އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންގެ އިތުރުން ހާއްސަ ހާލަތްތަކުގައި ބަންގްލަދޭޝްއަށް ވެސް ދަތުރުތައް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.