6 ކިލޯގެ މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ގުރައިދޫ، މަންޒިލް، އުމުރުން 37 އަހަރުގެ ހަސަން ޝާމިން އެވެ. ފުލުހުން އޭނާގެ މައްޗަށް ތުހުމަތުކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކުރުމުގެ (ޓްރެފިކްކުރުމުގެ) ކުށެވެ. ކްރިމިނަލް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ފުލުހުން ތައްޔާރުކުރި ތަހުލީލު ރިޕޯޓުން އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގައި 6 ކިލޯ ހުރިކަން ވަނީ ކަށަވަރުވެފައެވެ.
މި މައްސަލައާ ގުޅިގެން ހެއްކެއްގެ ގޮތުގައި 'ލޮޓް އިންވެސްޓްމަންޓް' ކުންފުނީގެ ނަމުގައި އޭނާ ކޮށްފައިވާ މުއާމަލާތްތަކާއި ބޭންކް ސްޓޭޓްމަންޓްތައް ވަނީ ކޯޓަށް ހުށަހަޅާފައެވެ. މީގެ އިތުރުން، ޝާމިން މަސްތުވާތަކެއްޗަށް ޓެސްޓުކުރުމުން، އޯޕިއޭޓްސް އަދި އެމްފެޓަމިން ފަދަ މަސްތުވާތަކެތީގެ ބާވަތްތަކަށް އޭނާ ވަނީ ޕޮޒިޓިވްވެފައެވެ.
އޭނާ 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ނިންމީ، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީކަމަށް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.
ކޮމެންޓު ފޮނުވާ