މާލޭގެ އެޕާޓްމަންޓެއްގައި މީހަކު ބަނދެ، އަނިޔާކުރުމަށްފަހު ކަޓަރަކުން އޭނާގެ ކުޑަވައި އިނގިލި ބުރިކޮށްލި މައްސަލައިގައި ކުށް ސާބިތުވި ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ބޮޑެތި ޖަލު ހުކުމްތަކެއް އިއްވައިފިއެވެ.
ޖޫން 23، 2024 ގައި ހިނގި މި ރަހުމްކުޑަ ހާދިސާއާ ގުޅިގެން ދައުލަތުން ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ. މި މީހުންގެ މައްޗަށް ދައުވާކުރީ މއ. ބަގުފަޑިއްގެ އުތުރުބައިގެ ހަތްވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގައި މީހަކު ހިފަހައްޓައި، ގޮނޑިއެއްގައި ބަނުމަށްފަހު އޭނާގެ ވައަތުގެ ކުޑަވައި އިނގިލި ކަޓަރަކުން ބުރިކޮށްލާފައިވާތީއެވެ.
މި މައްސަލައިގައި ކޯޓުން އެންމެ ބޮޑު ހުކުމެއް އިއްވާފައިވަނީ ގދ. ގައްދޫ، ހުދުވެލި، އަހްމަދު ސާއިފް ވަހީދުގެ މައްޗަށެވެ. އޭނާ 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު، ތ. ތިމަރަފުށީ، އުތުރުގެއާގެ، މުޙައްމަދު ނައުޝާން ހުސައިން ވަނީ 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. މީގެ އިތުރުން، އަނިޔާ ލިބެމުންދިޔަ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށް ސާބިތުވެ، ލ. ގަން، ތުޑީ، ލިންކު، އަހްމަދު ޒަޔާން ތިން މަސްދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލައިގައި ދެން ދައުވާ އުފުލި ރ. ކަނދޮޅުދޫ މެހުރާ، އަލީ ސާމީގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ކޮމެންޓު ފޮނުވާ