ރ. އަލިފުށީގައި ތަރައްގީކުރާ ހޮސްޕިޓަލާއި އެއާޕޯޓުގެ މަސައްކަތް މި ރިޔާސީ ދައުރުގެ ތެރޭގައި އެއްކޮށް ނިންމައި ހުޅުވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ސަރަހައްދީ ތަރައްގީގެ ސިޔާސަތުތަކުގެ ތެރެއިން އަލިފުއްޓަކީ މުހިންމު ސްޓްރެޓިޖިކް ލޮކޭޝަނެއް ކަމަށެވެ. އެހެންކަމުން އެ ރަށަށް އަމާޒުކޮށްގެން އެއާޕޯޓާއި ހޮސްޕިޓަލް ހިމެނޭހެން މުހިންމު ބޮޑެތި މަޝްރޫއުތަކެއް ރާވާފައިވާ ކަމަށް ވިދާޅުވިއެވެ.
މިވަގުތު މަސައްކަތްތައް އެންމެ އެދެވޭ ބާރުމިނުގައި ކުރިއަށް ނުދިޔަ ނަމަވެސް، މަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީއަށް ބޭނުންވާ ތަކެތި ހޯދުމަށް މާލީ އެހީތެރިކަން މިހާރު ހަމަޖައްސައިދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ލަސްތަކެއް ނުވެ ބޭނުންވާ ސާމާނުތައް ރަށަށް ގެންގޮސް މަސައްކަތް ހަލުވިކަމާއެކު ފަށައި، މި ހިނގާ ދައުރުގެ ތެރޭގައި އެ ދެ މަޝްރޫއު އެއްކޮށް ނިންމައި ރައްޔިތުންނަށް ހިދުމަތް ދޭން ފަށާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ