ދިވެހި ފުލުހުންގެ ޚިދުމަތުގައި 25 އަހަރު ހޭދަކުރުމަށްފަހު ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް، ވަޒީފާގައި ދެމިތިބޭ ފުލުހުންނެކޭ އެއްފަދައިން ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދޭން ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާނުކުރެއްވީ ދިވެހި ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ޖަލްސާގައި ސީޕީ ވިދާޅުވީ، ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތްތައް ހިސާބުކުރާ މިންގަނޑަށް ބަދަލުގެނެސް، ޚިދުމަތުގެ މުއްދަތަށް ބަލައި އިނާޔަތްތައް ހަމަޖައްސައިދޭނެ ކަމަށެވެ.
ފުލުހުންގެ ވެލްފެއަރއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ، ފުލުހުންގެ ކަންބޮޑުވުންތައް ޙައްލުކޮށްދެއްވުމަށް ރައީސް ޑރ. މުޢިއްޒާއި ހޯމް މިނިސްޓަރު ޢަލީ އިޙްސާން ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ބޯހިޔާވަހިކަމާއި ތަޢުލީމާއި ވަސީލަތްތަކުގެ ގޮތުން ފުލުހުންނަށް އިންޤިލާބީ ކުރިއެރުމެއް ގެނެސްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާކަން ފާހަގަކުރައްވައި، ފުލުހުންގެ ޙައްޤުގައި އިޚްލާޞްތެރިކަމާއެކު މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ފުލުހުންނާއި އެބޭފުޅުންގެ ޢާއިލާތަކަށް ސީޕީ އެރުވިއެވެ.
މީގެ އިތުރުން ފުލުހުންގެ މުއައްސަސާއަށް 93 އަހަރު ފުރުނު ނަމަވެސް، ފުލުހުންގެ ޢަޒުމާއި ހަކަތައަށް އެއްވެސް ހީނަރުކަމެއް ނާންނާނެކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މުޖުތަމަޢުގެ އަމާންކަން ކަށަވަރުކޮށް، ކުށްކުރާ މީހުންގެ ކިބައިން ޤައުމު ސަލާމަތްކުރުމުގައި ފުލުހުންގެ ޤާބިލުކަމާއި ތޫނުފިލާކަން ދުވަހެއް ދުވަހަކަށް އިތުރުވެ، ރައްޔިތުންގެ އިތުބާރު ބޮޑުވަމުންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ