މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޙަރަކާތްތައް މ. މުލަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
ކޮންމެ އަހަރެއްގެ މޭ މަހުގެ 31 ވަނަ ދުވަހު ފާހަގަކުރާ މި ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރިކުރުން" މިއެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދުންފަތުގެ ސިނާޢަތުން ކުޑަކުދިންނާއި ޒުވާނުން މަޅީގައި ޖެއްސުމަށް ކުރާ މަސައްކަތްތައް ހާމަކޮށް، ދުންފަތް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުން ރެކުމަށް އެ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ޢާއްމުން ހޭލުންތެރިކުރުވުމެވެ.
މި ދުވަހާ ގުޅިގެން މުލަކުގައި ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، މުލަކު ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް ވަނީ ބާއްވާފައެވެ. އަދި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. އެކަމަނާ ވަނީ ޕޯސްޓަރު މުބާރާތުން ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމު ޙަވާލުކޮށްދެއްވައި، އެންޓި-ޓޮބޭކޯ ކެމްޕެއިންގެ ރަސްމީ ލޯގޯ އިފްތިތާޙުކޮށްދެއްވާފައެވެ.
ދުންފަތުގެ ނުރައްކާތަކުން މުޖުތަމަޢު ސަލާމަތްކޮށް، ދުންފަތުން ރައްކާތެރިވެފައިވާ ޖީލެއް ބިނާކުރުމަށްޓަކައި ސަރުކާރާއި މަދަނީ ޖަމްޢިއްޔާތަކުން ގުޅިގެން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ދުންފަތުގެ ގެއްލުންތައް ކިޔައިދީ، ޢާއްމުން ހޭލުންތެރިކުރުމުގެ ތަފާތު ޙަރަކާތްތައް ދަނީ ހިންގަމުންނެވެ.
ކޮމެންޓު ފޮނުވާ