ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ހަމަނުޖެހުން ހިންގައިގެން މިއަދު ހެނދުނު މަސްތުގެ ހާލަތުގައި ތިއްބާ ހައްޔަރުކުރި ހަތަރު މީހަކު، އެއީ މާރާމާރީއެއްގެ ޝިކާރައަކަށްވެ އަނިޔާ ލިބުނު މީހުން ކަމަށް ކޯޓުގައި ބުނެފިއެވެ.
ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިއަދު ހެނދުނު 6:05 ހާއިރު ހުޅުމާލެ ފޭސް 1 ގެ ގެއަކަށް ފުލުހުން ދިޔައިރު، އެތަނުން ބަނގުރާ ހުސްކުރި ފުޅިތަކެއް ފެނިފައިވެއެވެ. އަދި އެތަނުގައި ތިބި ހަތަރު ދިވެހިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލައިގައި ހައްޔަރުކުރި 26 އަހަރުގެ އަންހެން މީހާއާއި 29 އަހަރުގެ އަންހެން މީހާ ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހުގައި ބުނެފައިވަނީ، އެތަނުގައި މާރާމާރީއެއް ހިނގި ކަމަށާއި އެމީހުން މަސައްކަތްކުރީ އެކަން ހުއްޓުވައި މީހުން ދުރުކުރަން ކަމަށެވެ. އަދި އަނިޔާދިން މީހާ އެތަނުން ނުކުމެގެން ގޮސްފައިވާ ކަމަށްވެސް އެމީހުން ވަނީ ބުނެފައެވެ. ކޯޓުން ވަނީ މި ދެ އަންހެނުންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
މީގެ އިތުރުން މި މައްސަލައިގައި ހައްޔަރުކުރި 34 އަހަރުގެ ފިރިހެން މީހާގެ އަމަލުތައް ހުރިގޮތުން، އޭނާއަކީ އެތަނުގައި ހިނގި ކަންކަން ކޮންޓްރޯލްކުރަން ހުރި ނުފޫޒުގަދަ މީހެއްކަމަށް ބެލެވޭތީ އޭނާގެ ބަންދަށް ތިން ދުވަސް ވަނީ އިތުރުކޮށްފައެވެ. އަދި ދެން ހައްޔަރުކުރި 24 އަހަރުގެ ފިރިހެން މީހާ ކޯޓަށް ހާޒިރުކުރިއިރުވެސް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭތީ އޭނާގެ ބަންދަށް ފަސް ދުވަސް ވަނީ ދީފައެވެ.
މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯތަކުން އެތަނުގައި ތިބި މީހުންގެ މެދުގައި ހަމަނުޖެހުން ހިނގާތަން ފެނެއެވެ. އަދި އަންހެނަކާއި ފިރިހެނަކު ގައިގޯޅިކޮށް އުޅޭ މަންޒަރުވެސް އެ ވީޑިއޯތަކުން ފެންނަ ކަމަށްވެއެވެ.
ކޮމެންޓު ފޮނުވާ