ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މަދުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަރުޙަލާއަށް މިހާރު ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު ވިދާޅުވި ގޮތުގައި، ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އަދި ބައެއް އިދާރާތަކުގެ އިވެލުއޭޝަން މުޅިން ނިމިފައިވާއިރު، ކުރިއަށް އޮތީ އެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް ޢަމަލީގޮތުން ފިޔަވަޅު އެޅުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ދައުލަތަށް ބޭނުންވާ މިންވަރަށް އިންސާނީ ވަސީލަތްތައް ތަރުތީބުކޮށް، ސަރުކާރުގެ ކުންފުނިތަކާއި ވުޒާރާތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ދަށްކުރުމެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ދާދިފަހުން ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކުގެ ފެންވަރު ބެލުމަށްފަހު، ވަކިކުރަންޖެހޭ ފަރާތްތައް ވަރަށް އަވަހަށް މަޤާމުން ވަކިކުރައްވާނެ ކަމަށެވެ. އަދި މި އިޞްލާޙީ ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ