ހުޅުމާލޭގެ އެޕާޓްމެންޓެއްގެ ތެރޭގައި މަސްތުގެ ހާލަތުގައި ތިބެ މާރާމާރީ ހިންގި ހަތަރު މީހަކު މިއަދު ހެނދުނު ފުލުހުން ހައްޔަރުކޮށްފިއެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ތަވާ ކެފޭ ކައިރީގައި ހުންނަ އޭއެޗް ބްރަދާސް އިމާރާތުގެ މަތީގައި ހުރި އެޕާޓްމެންޓެއްގައެވެ. އާންމުވެފައިވާ ވީޑިއޯއިން މަސްތުވެގެން ތިބި އަންހެނަކާއި ފިރިހެނަކު ބެލްކަނީގައި ހަރަކާތްތެރިވާ މަންޒަރާއި، ދެ އަންހެނަކު މާރާމާރީ ހިންގާ މަންޒަރު ފެނިގެންދެއެވެ.
މިއަދު ހެނދުނު 6:00 ހާއިރު ފުލުހުންނަށް ލިބުނު މާރާމާރީގެ ރިޕޯޓަކާ ގުޅިގެން އެ އިމާރާތަށް ވަދެ ހައްޔަރުކޮށްފައިވަނީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ. އަދި އެ މީހުން ހައްޔަރުކޮށްގެން ގެންދާ މަންޒަރާއި، އިމާރާތުގެ ތެރެއިން ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ވެސް ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި، މައްސަލައާ ގުޅިގެން ބަލައި ފާސްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި ސީން ޕްރޮސެސްކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ނިމުމުން މައްސަލައިގެ އިތުރު ތަފްސީލު ހާމަކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އަންނަނީ މި ހާދިސާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ