ޅ. ނައިފަރުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ނައިފަރުގެ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެރަށުގެ ގެއެއް ބަލައި ފާސްކޮށްފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން އެ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 37 ރަބަރު ޕެކެޓާއި، އެތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާކަމަށް ބެލެވޭ ބައެއް ތަކެތި ފުލުހުން ވަނީ ހޯދާފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނައިފަރު ނޭޒާ، އުމުރުން 41 އަހަރުގެ އާދަމް ޙަސަންފުޅާއި، ނައިފަރު މުރަނގަމާގެ، އުމުރުން 36 އަހަރުގެ މުޙައްމަދު ޝިފާޒުގެ އިތުރުން އުމުރުން 28 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ސޭމް ސަޖޫއެވެ.
މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަކަށް އެމީހުން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ