ބޯހިޔާވަހިކަމުގެ ސްކީމްތައް ކުރިއަށްދާނީ ނުފޫޒުން އެއްކިބާވެ އިންސާފުވެރިކޮށް: ރައީސް

ބޯހިޔާވަހިކަމުގެ ސްކީމްތައް ކުރިއަށްދާނީ ނުފޫޒުން އެއްކިބާވެ އިންސާފުވެރިކޮށް: ރައީސް

Author
އަހުމަދު
26 ޖޫން 2026 11:41
0

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި، ކަންކަން ހިނގާނީ ފުރިހަމަ އިންސާފާއި ހާމަކަން ބޮޑު ގޮތެއްގައި ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުގައި ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ބަޔަކަށް ގޯއްޗާއި ފްލެޓް ދިން ނަމަވެސް، މި ސަރުކާރުން އެފަދަ ނާޖާއިޒު އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ފަށާފައިވާ ކްރޮސް ވެރިފިކޭޝަންގެ މަރުހަލާ ކުރިއަށްދާނީ ވަކި މީހަކަށް ނުވަތަ އާއިލާއަކަށް އިސްކަން ނުދީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތެއްގެވެސް އެންމެ ޒަރޫރީ އެއް ބޭނުންކަމަށްވާތީ، މިކަމުގައި ކުޑަވެސް ގޯހެއް ހިނގިޔަ ނުދެއްވާނެކަމަށް ރައީސް ތަކުރާރުކުރެއްވިއެވެ.

މި ސްކީމަށް ޖުމްލަ 57،000 އަށްވުރެ ގިނަ ފޯމު ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅި 35،900 އަށްވުރެ ގިނަ ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،000 އަށްވުރެ ގިނަ ފޯމު ހިމެނެއެވެ. ހައުސިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، ގިނަ އަދަދެއްގެ ފޯމުތައް ވެރިފައިކުރުމުގެ މަސައްކަތް ނިމޭނެ ސީދާ ތާރީޚެއް އަދި ނޭނގުނު ނަމަވެސް، މިހާރު ފަށާފައިވާ ފްލެޓްތަކުގެ މަސައްކަތް މި ދައުރުގެ ބާކީ އޮތް ދެ އަހަރުތެރޭ އެއްކޮށް ނިންމައި ހަވާލުކުރެވޭނެއެވެ.

މާލެ ސަރަހައްދުގެ އިތުރުން ރަށްރަށުގައިވެސް ބޯހިޔާވަހިކަމުގެ އައު ސްކީމްތަކެއް ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. މި ދައުރުގެ ތެރޭގައި އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސްގެ މުހިންމު ރިޔާސީ ވައުދުފުޅަކަށް ވާއިރު، އަހަރުގެ މެދުތެރެއާ ހަމައަށް އައިއިރު ބޯހިޔާވަހިކަމުގެ ބަޖެޓުން ޚަރަދުކޮށްފައިވަނީ އެންމެ ފަސް އިންސައްތަ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދެއްކުމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.