ހުޅުމާލެ ފޭސް 2 ގައި ހިނގި މާރާމާރީއަކާ ގުޅިގެން އެޗްޑީސީގެ ޑިރެކްޓަރު އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ) އަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި، އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހުޅުމާލޭގެ ހިއްކި ބިމުގެ ސަރަހައްދުގައި ހިނގި މި މާރާމާރީގައި 21 އަހަރުގެ ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ. އެ ޒުވާނާއަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލުމާއެކު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް، ތަހުގީގަށް ބަންދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
މި ހާދިސާއާ ގުޅޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އޭގެ ތެރެއިން އެއް ވީޑިއޯއިން އިސްމާއީލް ކަމަށް ބެލެވޭ މީހަކު މާރާމާރީ ހިންގާ މަންޒަރާއި އަންހެނެއްގެ ގަޔަށް އަތްލާ މަންޒަރު ފެންނަ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ. އަދި މަންޒަރު ވީޑިއޯ ކުރަން އުޅުނު މީހަކަށް ހުރަސްއަޅާ މަންޒަރުވެސް އެހެން ވީޑިއޯއަކުން ފެނެއެވެ. މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް އިސްމާއީލްއާ ސުވާލުކުރިކަން ނުވަތަ އޭނާއަށް ތުހުމަތެއް ކުރާކަން ފުލުހުން ސީދާ ގޮތެއްގައި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިސްމާއީލަކީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި 2022 ވަނަ އަހަރު ހައްޔަރުކޮށް، ޓެރަރިޒަމްގެ ދައުވާ އުފުލި މީހެކެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކޯޓުން ވަނީ އެ ދައުވާތައް ބާތިލުކޮށްފައެވެ. އޭނާއަށް އެޗްޑީސީގެ ޑިރެކްޓަރުކަން ދީފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ