ރާއްޖޭގެ ބޯޑަރު ސެކިއުރިޓީ ވަރުގަދަކުރަން ޖަޕާނުން ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ދީފި

ރާއްޖޭގެ ބޯޑަރު ސެކިއުރިޓީ ވަރުގަދަކުރަން ޖަޕާނުން ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ދީފި

Author
އަހުމަދު
25 ޖޫން 2026 09:02
0

ރާއްޖޭގެ ބޯޑަރު ސެކިއުރިޓީ ވަރުގަދަކޮށް، އެއާޕޯޓުތަކުން ދޭ ހިދުމަތްތައް އަވަސްކުރުމުގެ ބޭނުމުގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކޯޕަރޭޓް ހޯލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖަޕާނުގެ ފަރާތުން މި ޒަމާނީ ސިސްޓަމް ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނެވެ. މި ރަސްމިއްޔާތުގައި އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް އަހުމަދު ފަސީހާއި، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދުގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު އަދި ޖަޕާނު ސަރުކާރުގެ އިސް މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މިއީ ރާއްޖޭގެ އެއާޕޯޓްތަކުން ދަތުރުކުރާ ފަސިންޖަރުންގެ މައުލޫމާތު ވަގުތުން ސާފުކުރުމަށާއި، ބޯޑަރު ހުރަސްކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ކަށަވަރުކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި އައު ސިސްޓަމާއެކު ބޯޑަރު މެނޭޖްކުރުން ހަރުދަނާވެ، ކިއޫތަކުގައި ފަސިންޖަރުން މަޑުކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެއެވެ. އަދި ހަމައެހެންމެ، އެއާޕޯޓުގެ ހިދުމަތްތަކުގެ ރައްކާތެރިކަމާއި ހަލުވިކަން ބައިނަލްއަގުވާމީ ފެންވަރަށް މަތިވެގެންދާނެކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

ސިސްޓަމް ހަވާލުކުރުމުގެ ރަސްމިއްޔާތަށްފަހު، މިނިސްޓަރު އިހްސާނާއި ޖަޕާނުގެ ސަފީރު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގައި ހުންނަ އިމިގްރޭޝަން އެރައިވަލް ހޯލަށް ވަޑައިގެން، މި ފޭޝަލް ރިކޮގްނިޝަން ސިސްޓަމް އަމަލީ ގޮތުން މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.