ރާއްޖޭގެ އެންމެ ދުވަސްވީ އެއް އާސާރީ ބިނާ ކަމަށްވާ "އުސްގެކޮޅު" ގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ގެއްލުންދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަމާ ގުޅިގެން އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީން ބުނެފައިވަނީ، ފުލުހުންނާ ގުޅިގެން މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި، މިކަން ކުރި ބަޔަކާމެދު ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (6 ވަނަ) ބިނާކުރެއްވި މި އުސްގެކޮޅަކީ ރާއްޖޭގެ ފުރަތަމަ ގައުމީ ދާރުލްއާސާރުވެސް ހިންގި، 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މުހިންމު ތަރިކައެކެވެ. މިފަދަ ތަންތަނަށް ދޭ ގެއްލުމުގެ ސަބަބުން އިއާދަނުކުރެވޭވަރުގެ ގެއްލުން ލިބުމުގެ ފުރުސަތު އޮންނާނެކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، އެ ސަރަހައްދު ތަރައްގީކުރުމަށްޓަކައި އުސްގެކޮޅު ހަވާލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުގައި އެދިފައިވީ ނަމަވެސް އަދި އެކަން ހަމަޖެހިފައެއް ނުވެއެވެ. އެހެންކަމުން ގާނޫނީ އޮނިގަނޑުގެ ތެރެއިން އެ ތަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މިފަދަ އާސާރީ ތަންތަނަށް ގެއްލުންދޭ ފަރާތްތައް 10,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުށުގެ ކުޑަބޮޑުމިނަށް ބަލައި ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ދައުވާ ކުރުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
ކޮމެންޓު ފޮނުވާ