އެމްއައިބީގެ ރުފިޔާ ކާޑުތަކުން އޮންލައިންކޮށް ޑޮލަރުގެ މުއާމަލާތްކުރުން ލިމިޓްކޮށްފި

އެމްއައިބީގެ ރުފިޔާ ކާޑުތަކުން އޮންލައިންކޮށް ޑޮލަރުގެ މުއާމަލާތްކުރުން ލިމިޓްކޮށްފި

Author
އަހުމަދު
24 ޖޫން 2026 10:28
0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ރުފިޔާ ކާޑުތަކުން އޮންލައިންކޮށް ޑޮލަރުގެ މުއާމަލާތްކުރެވޭ މިންވަރު ކޮންމެ ކަސްޓަމަރަކަށް މަހަކު 10 ފަހަރަށް ލިމިޓްކޮށް، ބައެއް އީ-ކޮމާސް ވެބްސައިޓްތަކުން ވިޔަފާރި ނުކުރެވޭ ގޮތަށް އެ ބޭންކުން ހަމަޖައްސައިފިއެވެ.

އެމްއައިބީން ހާމަކޮށްފައިވާ ގޮތުގައި ރުފިޔާ ކާޑުތަކަށް ދީފައިވާ 250 ޑޮލަރުގެ ލިމިޓަކީ ކަސްޓަމަރުންގެ އެންމެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ކަނޑައަޅާފައިވާ މިންވަރެކެވެ. ނަމަވެސް، ފަހަކަށް އައިސް ބައެއް ފަރާތްތަކުން މި ލިމިޓް އެހެނިހެން ބޭނުންތަކަށް ބޭނުންކުރަމުންދާތީ، ގިނަ ކަސްޓަމަރުންނަށް މި ހިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދިނުމުގެ ބޭނުމުގައި ބައެއް ވިޔަފާރި ސައިޓުތައް ބްލޮކްކުރަން ނިންމީކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

މި ބަދަލު ގެނައި ކަމުގައިވިޔަސް، އާންމު ދިރިއުޅުމުގައި ބޭނުންކުރާ ސަބްސްކްރިޕްޝަންތަކާއި، ރާއްޖެއިން ބޭރުގައި ބޭނުންކުރާ ޕީއޯއެސް މެޝިންތަކުގެ އިތުރުން ބޭސްފަރުވާއާއި ޗުއްޓީގެ ބޭނުންތަކަށް ކުރާ ހަރަދުތަކަށް ކުރިންވެސް އޮތް 250 ޑޮލަރުގެ ލިމިޓްގެ ތެރެއިން އެއްވެސް ދަތިކަމަކާ ނުލައި މުއާމަލާތްކުރެވޭނެކަމުގެ ޔަގީންކަން އެ ބޭންކުން ވަނީ ދީފައެވެ. އަދި މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ބޭންކުން ވަނީ މައާފަށް އެދިފައެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާ ލިބުމުގެ ދަތިކަމާ ގުޅިގެން، އެމްއައިބީގެ އިތުރުން ރާއްޖޭގައި ހިންގާ އެހެނިހެން ބޭންކުތަކުންވެސް ވަނީ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތްކުރެވޭ މިންވަރު ވަރަށް ބޮޑަށް ހިފަހައްޓާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.