ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ގޯސް، އަސްލު މަންޒަރު ސާފުވާނީ އޮޑިޓްތަކަށްފަހު

ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ގޯސް، އަސްލު މަންޒަރު ސާފުވާނީ އޮޑިޓްތަކަށްފަހު

Author
އަހުމަދު
23 ޖޫން 2026 08:08
0

ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، ކުންފުނިތަކުގެ އަސްލު ހާލަތު އެނގޭނީ އޮޑިޓް ރިޕޯޓުތައް ނިމުމުން ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މުޙައްމަދު ނިޒާރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުން ނިޒާރު ވަނީ، 2002 ވަނަ އަހަރުން ފެށިގެން ބައެއް ކުންފުނިތަކުގެ އޮޑިޓް ރިޕޯޓުތައް ނުލިބޭކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން، އަންނަ އޭޕްރިލް މަހުގެ ކުރިން ހުރިހާ ކުންފުނިތަކެއްގެ އޮޑިޓްތައް ނިންމުމަށް އަމާޒު ހިފާފައިވާ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. މާލީ މައްސަލަތަކުގެ އިތުރުން، ކުންފުނިތަކުގެ އެތެރޭގެ ހިންގުން ދޯދިޔާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން ފެނަކަ ކޯޕަރޭޝަން ފަދަ ތަންތަނުގެ އެތެރޭގެ އޮޕަރޭޝަންތައް ހިނގާގޮތް ގޯސްކަމަށާއި، ޑިޕާޓްމަންޓުތަކުގެ މެދުގައި ގުޅުމެއް ނެތުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ނުކުންނަކަން ފާހަގަކުރެއްވިއެވެ. މިކަންކަން ހައްލުކުރުމަށް ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއެކު ޕީސީބީން ދަނީ މަޝްވަރާކުރަމުންނެވެ.

ޕީސީބީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ކުންފުނިތަކަށް ޖުމްލަ 12.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވީ ނަމަވެސް، ގިނަ ކުންފުނިތައް ހިނގަމުންދަނީ ބޮޑު ގެއްލުމެއްގައެވެ. އެގޮތުން އާރްޑީސީ 130.2 މިލިއަން ރުފިޔާގެ ގެއްލުމުގައި އޮތްއިރު، އައިލެންޑް އޭވިއޭޝަން ހިންގަނީ 40.8 މިލިއަން ރުފިޔާގެ ގެއްލުމުގައެވެ. އަދި ފައިދާގައި ހިންގާ އެމްއޭސީއެލް އާއި އެމްޓީސީސީ ފަދަ ކުންފުނިތަކުގެ ފައިދާވެސް ވަނީ ކުރީ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މީގެ އިތުރުން އެމްއޭސީއެލްގެ ބޮލުގައި 15.6 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އޮތްކަންވެސް ރިޕޯޓުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.