އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

Author
އަހުމަދު
23 ޖޫން 2026 01:30
0

ސަރުކާރު ހިންގާ ޕީއެންސީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

އީސީގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ފާސްކުރީ މިއަދު ބޭއްވި ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ހަތް މެންބަރުންނެވެ. މަޖިލީހުގެ ތަޅުމަށް މި ނަން ފޮނުވާފައިވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ޝަކީލަށް ރުހުން ދިނުމަށް ފާސްކުރުމަށް ފަހުގައެވެ.

މީގެ ކުރިން ޕީއެންސީގެ ރަޖިސްޓްރާކަމާއި ސެނެޓް މެންބަރުކަމުގެ އިތުރުން އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގައި ވެސް އިސްކޮށް ހަރަކާތްތެރިވި ޝަކީލް މިހާރު ހުންނެވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އީސީގެ މެންބަރުކަމަށް އޭނާ އައްޔަންކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމެވީ، އެ ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި ޖާގައަށެވެ. އެ މަގާމަށް ރައީސް ފޮނުއްވީވެސް ހަމައެކަނި ޝަކީލްގެ ނަމެވެ.

ސިޔާސީ ޕާޓީއެއްގެ އިސް ސަފުގައި ހަރަކާތްތެރިވި ބޭފުޅަކު އީސީ ފަދަ މިނިވަން މުއައްސަސާއަކަށް އައްޔަންކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ މިކަމަށް އަމާޒުވެފައެވެ. ޝަކީލް ޕީއެންސީގެ ރަޖިސްޓްރާގެ މަގާމަށް އައްޔަންކުރީ މިދިޔަ ޖެނުއަރީ މަހުގައެވެ. ނަމަވެސް މިހާރު އެ މަގާމު އޮތީ ހުސްކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.