މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް ވުރެ މައްޗަށް ގޮސްފައިވީ ނަމަވެސް، މިދިޔަ އަހަރާ އަޅާބަލާއިރު މިއީ %4.9 ގެ ދަށްވުމެކެވެ.
މިއަހަރުގެ ފުރަތަމަ ދެ މަހު ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން ޖެނުއަރީ މަހު %5 ގެ ކުރިއެރުމަކާއެކު 227,403 ފަތުރުވެރިން އައިއިރު، ފެބްރުއަރީ މަހު މި އަދަދު ވަނީ 254,556 އަށް އަރައި، މިދިޔަ އަހަރާ އަޅާބަލާއިރު %15.7 ގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ނަމަވެސް، މާރިޗު މަހުން ފެށިގެން މިސްރާބު ބަދަލުވެ، ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މާރިޗު މަހު %20.7 ގެ ދަށްވުމެއް ރެކޯޑުކުރެވިފައިވާއިރު، އެޕްރީލް މަހު ވަނީ %24.4 ދަށަށް ގޮސްފައެވެ.
އަހަރުގެ ކުރީކޮޅު ލިބުނު ކުރިއެރުންތައް މާރިޗު އަދި އެޕްރީލް މަހުގެ ހީނަރުކަމާއެކު ގެއްލިފައިވާއިރު، މެއި މަހު %1.7 ގެ ކުޑަ ކުރިއެރުމެއް ފެނުނު ނަމަވެސް ޖޫން މަހު އަނެއްކާވެސް ވަނީ %14.6 ދަށަށް ގޮސްފައެވެ. މުޅި މާކެޓުގެ ޖުމްލަ ނަންބަރުތައް ދަށަށް ދިޔަ ކަމުގައިވިޔަސް، ކުރޫޒް ލައިނަރުތަކުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 8,263 ފަސިންޖަރުން އައި ނަމަވެސް، މިއަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 14,847 އަށް އަރައި، ގާތްގަނޑަކަށް %80 ގެ ކުރިއެރުމެއް ހޯދާފައެވެ. ހަމައެކަނި ފެބްރުއަރީ މަހަށް ބަލާއިރުވެސް 5,237 ކުރޫޒް ފަސިންޖަރުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ކޮމެންޓު ފޮނުވާ