ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތައް ދޭ ހުރިހާ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އެއް ހަމައަކަށް ގެނައުމުގެ މުހިންމު މަސައްކަތް ކުރިއަށްގެންދާ ނޭޝަނަލް ޕޭ ކޮމިޝަން އަލުން އެކުލަވާލައިފިއެވެ.
ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން އެކުލަވާލި މި ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރެވެ. އަދި ކޮމިޝަނުގެ ނައިބު ރައީސަކަށް މަރްޔަމް ނިޔާފް މުޙައްމަދު ހަމަޖައްސަވާފައިވާއިރު، ކޮމިޝަނުގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ޢަފާފް އިބްރާހީމް ޢަލީ ދީދީ، ފާޠިމަތު ޝާނާ ފާރޫޤް އަދި ހަދާ ފުއާދެވެ.
މި ކޮމިޝަނުގެ އެންމެ ބޮޑު އެއް އަމާޒަކީ ދައުލަތުގެ އެކި މުއައްސަސާތަކުގެ މެދުގައި ހުރި މުސާރައިގެ ބޮޑެތި ފަރަގުތައް ކުޑަކޮށް، އިންސާފުވެރިކަމާއެކު އެއް ހަމައަކުން މުސާރަ ދިނުމުގެ ސިޔާސަތު ތަންފީޛުކުރުމެވެ. މިގޮތުން ސިވިލް ސަރވިސް، ތަޢުލީމީ ދާއިރާ، ސިއްޙީ ދާއިރާ އަދި ސަލާމަތީ ޚިދުމަތްތައް ހިމެނޭހެން އެކި ދާއިރާތަކަށް އައު ޕޭ ފްރޭމްވޯކްތައް ފަރުމާކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރާނެއެވެ. މީގެ އިތުރުން، ދައުލަތުގެ މުސާރަތަކަށް ގެންނަންޖެހޭ ބަދަލުތަކާއި އޭގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރުތައް ދިރާސާކޮށް، ސަރުކާރަށާއި ފިނޭންސް މިނިސްޓްރީއަށް ބޭނުންވާ ފަންނީ ލަފާ އެރުވުމަކީވެސް ޕޭ ކޮމިޝަނުގެ މައިގަނޑު އެއް މަސްއޫލިއްޔަތެވެ.
ކޮމެންޓު ފޮނުވާ