ރާއްޖޭގެ މިސްކިތްތަކަށް ދިމާވެފައިވާ އިމާމުންގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާއްސަ އާންމު އިމްތިހާނެއް ތައާރަފުކޮށް، އިމާމުކަން ކުރުމުގެ ރަސްމީ ހުއްދައެއް ދޫކުރަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އޯލެވެލް ނިންމާ ކުދިންގެ ތެރެއިން މި ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މިހާރު ވަނީ ނިންމާފައެވެ. މީގެ އިތުރުން، ރަސްމީ ކޯހެއް ފުރިހަމަކޮށްފައި ނެތް ނަމަވެސް، އިމާމުކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު އެއްފަހަރު "އިމާމުކަމުގެ އާންމު އިމްތިހާނެއް" ބާއްވަން ކަމާބެހޭ ފަރާތްތަކާއެކު ދަނީ މަޝްވަރާކުރަމުންނެވެ. މިނިސްޓްރީން ކަނޑައަޅާ ހާއްސަ މުގައްރަރެއްގެ ދަށުން ބާއްވާ މި އިމްތިހާނުން ފާސްވާ މީހުންނަށް އިމާމުކަން ކުރުމުގެ ރަސްމީ ހުއްދަ ލިބިގެންދާނެއެވެ. އަދި މިކަމާ ގުޅޭ އެންމެ ފަހުގެ ނިންމުންތައް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި 623 މިސްކިތް ހުރިއިރު، އޭގެ ތެރެއިން 69 މިސްކިތެއްގައި އެއްވެސް ދާއިމީ އިމާމަކު ނެތެވެ. މިވަގުތު ރާއްޖޭގައި ތިބީ ޖުމްލަ 569 ދާއިމީ އިމާމުންނެވެ. މިސްކިތްތަކުގެ އަދަދު އިތުރުވަމުން ދިއުމާއި، އެކަށީގެންވާ ފެންވަރުގެ މީހުން ބައެއް ރަށްރަށުގައި މަދުވުމަކީ މި ދަތިކަން ކުރިމަތިވާ މައިގަނޑު ސަބަބެވެ. މިކަމަށް ހައްލު ހޯދައި އިމާމުންގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަޝްރޫއުގެ ދަށުން 700 އިމާމުން ތަމްރީނުކުރުމަށް މިހާރު ވަނީ އަމާޒު ހިފާފައެވެ.
ކޮމެންޓު ފޮނުވާ