ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ސަރުކާރުން ހިންގުމަށް ކަނޑައަޅާފައިވާ މުހިންމު އިޤްތިޞާދީ އަދި އިޖުތިމާޢީ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތަކަށް އެންމެ މަދުވެގެން އިންވެސްޓްކުރެވޭނެ މިންވަރު ބަޔާންކުރާ ޤަރާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނެރުއްވައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ކޮންމެ އަހަރަކު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ލާޒިމުކުރާ ޤަރާރެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިގޮތުގައި، މިދިޔަ އަހަރުގެ ޤަރާރާ އަޅާބަލާއިރު މި އަހަރުގެ ޤަރާރަށް ވަނީ ކުދި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ކޮންމެ މަޝްރޫޢެއްގެ ވަކިވަކި ތަފްސީލުތައް ހިމެނުމުގެ ބަދަލުގައި، މިފަހަރު މަޢުލޫމާތު އާންމުކޮށްފައިވަނީ މަޝްރޫޢުތައް ހިމެނޭ ދާއިރާތައް ވަރަށް ފުޅާކޮށް ގިންތިކޮށްގެންނެވެ.
މި ޤަރާރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ފަތުރުވެރިކަމާއި، މަދަނީ އުދުހުންތަކާއި، ދާޚިލީ ސަލާމަތާއި ދިފާޢީ ރައްކާތެރިކަމުގެ އިތުރުން ޢުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމުގެ ދާއިރާއަށެވެ. އަދި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި، މޫސުމީ ބަދަލުތަކާއި ހަކަތައާ ގުޅޭ މުހިންމު ދާއިރާތައްވެސް ހިމެނެއެވެ.
މީގެ އިތުރުން، އާންމު ދިރިއުޅުމަށާއި ފަތުރުވެރިކަމަށް ބޭނުންވާ ބިން ހިއްކުމުގެ ބޮޑެތި މަޝްރޫޢުތަކާއި، އެއަރޕޯޓުތަކާއި ޖަލުތައް ތަރައްޤީކުރުމާއި، ސޯޝަލް ހައުސިންގއާއި ކޯޒްވޭތައް ހެދުން ފަދަ ޢުމްރާނީ މަސައްކަތްތައް މި ޤަރާރުގައި ކަނޑައަޅާފައިވެއެވެ. ހަމައެހެންމެ، އަލަށް ހިއްކާ ސަރަޙައްދުތަކުގައި ޔޫޓިލިޓީގެ ޚިދުމަތްތައް ޤާއިމުކުރުމާއި ކުނި މެނޭޖްކުރުމުގެ މުހިންމު މަޝްރޫޢުތައް ކުރިއަށްގެންދާނެ ގޮތުގެ މިންގަނޑުތައްވެސް މި ޤަރާރުގައި ވަނީ ހިމަނާފައެވެ.
ކޮމެންޓު ފޮނުވާ