ފީފާ ވޯލްޑް ކަޕްގައި އަލަށް ވާދަކުރަމުން އަންނަ ކޭޕް ވާޑޭއިން ވަރުގަދަ އުރުގުއޭއާ 2-2 އިން އެއްވަރުކޮށް، މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އާކޮށްފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނާ ލަނޑެއް ނުޖެހި އެއްވަރުކޮށްފައިވާ ކޭޕް ވާޑޭއިން ވަނީ މި މެޗުގެ 21 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. 35 ޔާޑު ދުރުން ފޮނުވާލި ހިލޭޖެހުމަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކެވިން ޕީނާއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި އެ ގައުމުން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
ކޭޕް ވާޑޭގެ ލަނޑަށްފަހު އެ ޓީމުން ކުރިއަށް ޖެހިލުމުގެ ފައިދާ ނަގައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން އުރުގުއޭއިން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އެގޮތުން 44 ވަނަ މިނެޓުގައި މެކްސީ އަރައުހޯ ބޮލުން ޖެހި ލަނޑުން ނަތީޖާ ހަމަހަމަކުރިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަގުސްޓިން ކަނޮބިއޯ ވަނީ އުރުގުއޭއަށް 2-1 ގެ ލީޑެއް ހޯދައިދީފައެވެ.
ނަމަވެސް ދެވަނަ ހާފަށް ކުޅެން ނުކުމެ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ދެ މިނެޓު ތެރޭގައި ހީލިއޯ ވަރޭލާ ވަނީ ކޭޕް ވާޑޭއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭނާ މި ލަނޑު ޖެހީ އުރުގުއޭގެ ޑިފެންޑަރު މަތިއަސް އޮލިވޭރާ ފަހަތަށް ކުޅެލި ބޯޅައެއް ކީޕަރަށް ލިބުމުގެ ކުރިން ހޯދައިގެންނެވެ. މެޗުގެ 69 ވަނަ މިނެޓުގައި އުރުގުއޭގެ ފެޑެރީކޯ ވަލްވާޑޭ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ވަނީ އެއީ އޮފްސައިޑެއް ކަމަށް ނިންމާފައެވެ.
މި ނަތީޖާއާއެކު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސައުދީ އަރަބިއްޔާ ބަލިކޮށްގެން ކޭޕް ވާޑޭއަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ. އަނެއްކޮޅުން މުބާރާތުގައި ކުރިއަށް ދިއުމަށް އުރުގުއޭއަށް މަޖުބޫރުވާނީ ފަހު މެޗުގައި ސްޕެއިން ބަލިކުރާށެވެ.
ކޮމެންޓު ފޮނުވާ