ފީފާ ވޯލްޑް ކަޕްގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް އޭނާގެ ފުރަތަމަ ވޯލްޑް ކަޕް ގޯލު ކާމިޔާބުކޮށް، މާތްﷲ އަށް ޝުކުރު އަދާކުރުމުގެ ގޮތުން ސަޖިދަކޮށްފިއެވެ.
މެޗުގެ 10 ވަނަ މިނެޓުގައި މި ތާރީޚީ ލަނޑު ކާމިޔާބުކުރުމަށްފަހު، ޔަމާލް ވަނީ ދަނޑުމައްޗަށް ތިރިވެ ސަޖިދަކޮށްފައެވެ. ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މައިދާނުގައި އޭނާ ދެއްކި މި އަމަލަކީ ކުޅިވަރުގެ ކާމިޔާބީގެ އިތުރުން ދީނީ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.
ބާސެލޯނާ އަދި ސްޕެއިންގެ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔަމާލްއަކީ އޭނާގެ އިސްލާމީ އަގީދާ ފާޅުކުރުމަށް ފަސްޖެހޭ ކުޅުންތެރިއެއް ނޫނެވެ. މީގެ ކުރިންވެސް އޭނާ ވަނީ އިސްލާމްދީނަށް ފުރައްސާރަކުރާ ފަރާތްތަކަށް ރައްދުދީ، އޭނާއަކީ މުސްލިމެއްކަން ފަޚުރުވެރިކަމާއެކު ހާމަކޮށްފައެވެ. އޭނާގެ މި ހިތްވަރުގަދަ ނިންމުންތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމް ސަޕޯޓަރުންގެ މެދުގައި ޔަމާލްއަށް އޮންނަ ލޯބި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ސްޕެއިންގެ މީޑިއާތަކުން ބުނާ ގޮތުގައި، ޔަމާލް ފަދަ މަޝްހޫރު ކުޅިވަރު ތަރިއަކު އޭނާގެ ދީން މިފަދަ ގޮތަކަށް ފާޅުކުރުމަކީ މުޖުތަމައުގައި މުސްލިމުންނާ މެދު އޮންނަ ނުރަނގަޅު ވިސްނުންތައް ބަދަލުކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. އެހެންކަމުން ޔަމާލްގެ މި ލަނޑާއި ސަޖިދައަކީ ހަމައެކަނި ކުޅިވަރުގެ ކާމިޔާބީއެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެއީ އޭނާގެ އީމާންތެރިކަން ފާޅުކަން ބޮޑުގޮތެއްގައި ހާމަކޮށްދިން ތާރީޚީ ވަގުތުކޮޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
ކޮމެންޓު ފޮނުވާ