މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހިމް ޒިޔަތު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒިޔަތު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ނިމިދިޔަ މެއި މަހުގެ ތެރޭގައެވެ. އޭނާ މަގާމުން ދުރުވެވަޑައިގަތް ސީދާ ސަބަބެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު، އިސްތިއުފާ ދެއްވުމުގެ ކުރިން މެއި މަހުގެ އެއްވަނަ ދުވަހު އޭނާ ވަނީ އެމްޕީއެލްގެ ބޯޑުންވެސް ވަކިކޮށްފައެވެ.
ޒިޔަތުގެ ބަދަލުގައި އެމްޕީއެލްގެ ބޯޑަށް ދެން އައްޔަންކުރެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާންއެވެ. ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް ލަމްއާން އެމްއޭސީއެލްގެ މަގާމުން އިސްތިއުފާ ދެއްވީ މިއަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.
ޒިޔަތު އިސްތިއުފާ ދެއްވި ނަމަވެސް، ލަމްއާން ހިމެނޭގޮތަށް އެމްޕީއެލްގައި މިހާރުވެސް ތިން ޑެޕިއުޓީ ސީއީއޯއިން ތިއްބަވައެވެ.
ކޮމެންޓު ފޮނުވާ