ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާނީ އެމީހުންގެ ބައިވެރިވުމާއެކު: ރައީސް

ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާނީ އެމީހުންގެ ބައިވެރިވުމާއެކު: ރައީސް

Author
އަހުމަދު
20 ޖޫން 2026 03:58
0

ބޮޑުކަންނެލީގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނީ ސީދާ އެ މަސްވެރިންގެ ބައިވެރިވުމާއި މަޝްވަރާއާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކޮށްގެން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިންނަށް އެންމެ އެކަށީގެންވާ ރަނގަޅު އަގެއް ކަށަވަރުކޮށްދެވޭނީ މި ދާއިރާގެ ތެރެއަށް މިފްކޯ އަލުން ވަދެގެން ކަމަށާއި، އެކަމަށްޓަކައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާނީ ހާމަކަން ބޮޑު ގޮތެއްގައި މަސްވެރިންގެ ޚިޔާލާއެކުކަން ފާހަގަކުރެއްވިއެވެ. މީގެ ކުރިންވެސް ރައީސް ވަނީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ޝަކުވާތައް އޮޅުންފިލުއްވާފައެވެ.

ސަރުކާރުގެ މި އަމާޒާ އެއްގޮތަށް، ރާއްޖޭގެ އުތުރާއި ދެކުނުގައި ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް މިފްކޯއިން އަންނަނީ ވަމުންނެވެ. އެގޮތުން، އައްޑޫ އަތޮޅުން ގަންނަ މަސް ހުވަދޫއަށް ގެންދިއުމުގެ ބަދަލުގައި ސީދާ އައްޑޫން އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފެށުމަށާއި، އެ އަތޮޅުގައި މަހަށް ވެލިއު އެޑް ކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ގދ. ތިނަދޫގައި ތަރައްޤީކުރާ މަސްގަންނަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައި އޮޕަރޭޝަނަށް ގެނައުމަށްވެސް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.