ސަރުކާރުގެ ކުންފުނި، މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، މަސްވެރިކަމަށް ނުކުންނަ މީހުން މަދުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ ބަޔަކަށް ވަޒީފާ ދީފައި އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު އާންމުކުރި 'ދަ ޕްލަސް' ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި މަސްވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މިހާރުގެ އަމާޒަކީ 20 ރުފިޔާގައި އަގު ހިފެހެއްޓުން ކަމުގައިވިޔަސް، ކުރިމަގުގައި އެއަށްވުރެ އަގު މައްޗަށް ގެންދިއުމަކީ އުންމީދެއް ކަމަށެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުން ރާއްޖޭގެ މަހަށް ކަނޑާލާފައިވާ ޓެރިފް ދާއިމީ ގޮތެއްގައި އޮންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، އެކަން ހާސިލުކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކަންނެލި މަސްވެރިންނަށް އެންމެ ރަނގަޅު އަގެއް ދެވޭނީ އެކަމުގެ ތެރެއަށް މިފްކޯ އަލުން ވަދެގެން ކަމަށެވެ. ހަމައެއާއެކު، ސަރުކާރު ކުންފުނިތަކުން މާ ގިނަ ވަޒީފާތައް ދިނުމުގެ ސަބަބުން މަސްވެރިކަމަށް ނުކުންނަ މީހުންގެ އަދަދު ދަށްވެފައިވާ ކަމަށާއި، އެކަން ބަދަލުކޮށް މަސްވެރިކަމުގެ ސިނާއަތަށް އިތުރު މީހުން ނެރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ބައިނަލްއަގުވާމީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށް މިދިޔަ މެއި މަހު މިފްކޯއިން މަސް ގަންނަ ގޮތަށް ބަދަލުކުރުމާ ގުޅިގެން މަހުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އޭގެ ކުރިން ކިލޯއެއް 20 ރުފިޔާއަށް ގަންނަމުން ދިޔަ ނަމަވެސް، ބާޒާރުގެ އަގަށް ބަދަލުކުރުމުން ކިލޯއެއްގެ އަގު ގާތްގަނޑަކަށް 16 ރުފިޔާއަށް ވެއްޓިފައިވެއެވެ. އޭރު މިފްކޯއިން ބުނެފައިވަނީ ބާޒާރުގެ އަގަށް ރިއާޔަތްނުކޮށް މަސް ގަނެ އެކްސްޕޯޓު ކުރުމަކީ މާލީ ގޮތުން ދެމެހެއްޓޭނެ ކަމަކަށް ނުވާތީ އެ ބަދަލު ގެނައީ ކަމަށެވެ. ނަމަވެސް ރައީސްގެ މި ވާހަކަފުޅާއެކު، އަލުން މަހުގެ އަގު 20 ރުފިޔާއަށް އިއާދަވެގެންދާނެ ކަމުގެ އުންމީދު މަސްވެރިންނަށް މިވަނީ އާވެފައެވެ.
ކޮމެންޓު ފޮނުވާ