އީސްޓަ ސަންޑޭ ހަމަލާއާ ގުޅިގެން ހައްޔަރުކުރުން ހުއްޓުވަން ގޯޓާބަޔާ ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި

އީސްޓަ ސަންޑޭ ހަމަލާއާ ގުޅިގެން ހައްޔަރުކުރުން ހުއްޓުވަން ގޯޓާބަޔާ ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި

Author
އަހުމަދު
17 ޖޫން 2026 02:14
0

ސްރީ ލަންކާގައި 2019 ވަނަ އަހަރު ދިން އީސްޓަ ސަންޑޭ ބޮމުގެ ހަމަލާތަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފާނެ ކަމުގެ ބިރަށް، އެ ގައުމުގެ ކުރީގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސާ އެކަން ހުއްޓުވުމަށް އެޕީލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މި ހަމަލާގައި 279 މީހުން މަރުވެފައިވާއިރު، ތަހުގީގަށް ސުވާލުކުރަން ޖެހޭ މީހެއްގެ ގޮތުގައި ކޯޓުން ވަނީ ގޯޓާބަޔާ ކަނޑައަޅައިފަ އެވެ. އަދި މި މަހުގެ ކުރީކޮޅު ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ އާއި އަސްކަރީ އިތުރު ދެ ޖާސޫސީ އޮފިސަރަކު ގައުމުން ބޭރަށް ފުރުން މަނާކޮށްފަ އެވެ. ގޯޓާބަޔާގެ ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި ފުރުން މަނާކުރުމަށް ނެރުނު އަމުރަކީ ހައްޔަރުކުރުމުގެ ކުރިން އަޅާ ފިޔަވަޅެކެވެ. އެހެންކަމުން އެކަން ހުއްޓުވުމަށް އެޕީލް ކޯޓަށް ޕެޓިޝަނެއް ހުށަހެޅި ނަމަވެސް، މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ތާރީހެއް އަދި ކަނޑައެއް ނާޅަ އެވެ.

މީގެ އިތުރުން، ގޯޓާބަޔާގެ ވެރިކަމުގައި ޖާސޫސީ އިދާރާގެ ވެރިޔަކަށް ހުންނެވި ސުރޭޝް ސާލީ ވެސް މި ހަމަލާތައް ރޭވުމުގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ހުރީ ބަންދުގަ އެވެ. އިނގިރޭސިވިލާތުގެ ޗެނަލް 4 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސާލީ ވަނީ ހަމަލާދިން މީހުންނާ ކުރިން ބައްދަލުކޮށް، ގޯޓާބަޔާއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމުގެ ބޭނުމުގައި އެ ހަމަލާއަށް މަގުފަހިކޮށްދީފަ އެވެ.

ލަންކާގެ ތިން ފައްޅިއަކާއި ތިން ހޮޓަލަކަށް ދިން މި ނުރައްކާތެރި ހަމަލާގެ ޒިންމާ ހަރުކަށި ފިކުރުގެ ޖަމާއަތަކުން އުފުލާފައިވާއިރު، މަރުވި މީހުންގެ ތެރޭގައި 45 ބިދޭސީން ހިމެނެ އެވެ. އަދި 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. މި ހާދިސާއަށްފަހު ގައުމީ ސަލާމަތް ކަށަވަރުކޮށްދެއްވާނެ ކަމުގެ ވައުދާއެކު ގޯޓާބަޔާ ވެރިކަމަށް ވަޑައިގަތް ނަމަވެސް، ގައުމަށް ދިމާވި އިގުތިސާދީ ބޮޑު ކާރިސާއާ ގުޅިގެން ރައްޔިތުން ކުރި ބޮޑެތި މުޒާހަރާތަކާ ހެދި 2022 ވަނަ އަހަރުގެ ޖުލައި މަހު އޭނާއަށް ވަނީ މަގާމުން އިސްތިއުފާދެއްވަން މަޖުބޫރުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.