ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަންކުރުމަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި

ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަންކުރުމަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި

Author
އަހުމަދު
17 ޖޫން 2026 10:33
0

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމުގެ މަޤާމަށް މުޙައްމަދު ނިޒާރު އައްޔަނުކުރެއްވުމަށްޓަކައި، އޭނާއަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުމާއެކު، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި އެސްއޯއީ ކޮމިޓީއަށް ފޮނުއްވާފައެވެ. ޕީސީބީގެ ރައީސްކަމަށް އައު ބޭފުޅަކު އައްޔަންކުރަން މި ނިންމެވީ، އެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު އަނަސް މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.

މި މަޤާމަށް އައްޔަންކުރެއްވުމަށް ނިންމެވި މުޙައްމަދު ނިޒާރަކީ ސަރުކާރުގެ އިދާރާތައް ހިންގުމާއި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ބައިނަލްއަޤުވާމީ ވިޔަފާރީގެ ދާއިރާއިން 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށްވެސް ޕީސީބީގެ ރައީސްކަމުގެ މަޤާމު ފުރުއްވައި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ނިޒާރު ވަނީ އެސްޓީއޯގެ އިސް މަޤާމުތަކެއްގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ. މީގެ އިތުރުންވެސް، މޯލްޑިވްސް ގޭސް އަދި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަމާއި، ރިސްކް މެނޭޖްމަންޓާއި ކޯޕަރޭޓް ގަވަރނަންސްއާ ގުޅޭ ޤައުމީ ފެންވަރުގެ ކޮމިޓީތަކުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.