ފީފާ ވޯލްޑް ކަޕް 2026 ގައި ކިލިއަން އެމްބާޕޭގެ މޮޅު ކުޅުމާއެކު 3-1 އިން ސެނެގާލް ބަލިކޮށް ފްރާންސުން މުބާރާތުގެ ފެށުން ވަރަށް ފުރިހަމައަށް ރަނގަޅުކޮށްފިއެވެ.
މި މެޗުގައި ފްރާންސްގެ ކެޕްޓަން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑާއެކު އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑު އޮލިވިއޭ ޖިރޫގެ އަތުން މުގުރާލައިފައެވެ. މެޗުގެ ލީޑު 66 ވަނަ މިނެޓުގައި އެމްބާޕޭ ނަގައިދިންއިރު، ފްރާންސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރެޑްލީ ބާކޯލާއެވެ.
ސެނެގާލަށް މެޗުގައި އުންމީދެއް ހޯދައިދިނީ އިތުރު ވަގުތުގެ ތެރޭގައި އުމުރުން 18 އަހަރުގެ އިބްރާހިމް އެމްބާއޭ ޖަހައިދިން ލަނޑުންނެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން އެމްބާޕޭ ވަނީ ފްރާންސްގެ ތިންވަނަ ލަނޑު ޖަހައި، އެޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
މި ލަނޑާއެކު އެމްބާޕޭ ވަނީ ތިން ވޯލްޑް ކަޕެއްގައި ކުޅެގެން އޭނާ ޖެހި ލަނޑުގެ އަދަދު 15 އަށް އަރައި، ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ އާއި ޖަރުމަނުގެ ގާޑް މުލާއާ ހަމަކޮށްފައެވެ. އަދި ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު އޮންނަ ޖަރުމަނުގެ މިރޮސްލާވް ކްލޯސާގެ ރެކޯޑާ (16 ލަނޑު) އެންމެ ލަނޑަކާ ގާތަށް އޭނާ މިވަނީ ޖެހިލައިފައެވެ.
މި މޮޅާއެކު ގްރޫޕް "އައި" ގެ އެއްވަނައިގައި މިވަގުތު ފްރާންސް އޮތްއިރު، ދެން އެޓީމު ނުކުންނާނީ އިރާގާ ދެކޮޅަށެވެ. އަދި މި މެޗުން ބަލިވި ސެނެގާލް ބައްދަލުކުރާނީ ނޯވޭއާ އެވެ.
ކޮމެންޓު ފޮނުވާ