ސ. ހިތަދޫގައި މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ގެއަކަށް ހުއްދަނެތި ވަން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ ނޯޖަވާނީގެ، އުމުރުން 50 އަހަރުގެ އަޙްމަދު ޒާހިރެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަޙުޤީޤު ކުރިއަށްގެންދިއުމަށްޓަކައި 7 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަޙްމަދު ޒާހިރު ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެތި ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 90 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ސ. ހިތަދޫ ލާމިޔާގެއަށް ވަދެނުކުމެ އުޅެނިކޮށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެ ގެ ބަންދުކޮށްފައިވަނީ މި ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. އަދި އެފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ