ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ފުރާނަ ސަލާމަތްކުރުމަށް ލޭ ހަދިޔާކުރުން މުހިންމު: ރައީސް

ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ފުރާނަ ސަލާމަތްކުރުމަށް ލޭ ހަދިޔާކުރުން މުހިންމު: ރައީސް

Author
އަހުމަދު
14 ޖޫން 2026 10:33
0

ބައިނަލްއަގްވާމީ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާ ގުޅިގެން، ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ފުރާނަ ސަލާމަތް ކުރުމަށް ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިއްހީ އަދި ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކިތަންމެ ކުރިއަރައި ދިޔަސް ލޭގެ ބަދަލުގައި ބޭނުންކުރާނެ އެހެން އެއްޗެއް އަދި ހޯދިފައި ނުވާކަމަށެވެ. އެހެންކަމުން، ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންވާ ވަގުތަށް ލޭ ލިބުމަކީ ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ އެންމެ ބޮޑު ބާރުކަމަށާއި، އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރާ ފަރާތްތަކުން އެ ވަމުންދަނީ ވަރަށް މަތިވެރި ގުރުބާނީއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން އާންމުން ހޭލުންތެރިކޮށް، ވޮލެންޓަރީކޮށް ލޭ ހަދިޔާކުރުން ޕްރޮމޯޓުކުރުމުގައި ދެމިއޮންނާނެކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގައި ލޭ ލިބުމުގެ ދަތިކަން ބޮޑުވެ، ތެލެސީމިއާ ކުދިންގެ ފުރާނައަށް ވަނީ ނުރައްކާވެފައެވެ. މިކަމަށް ހައްލެއް ހޯދުމަށް މޯލްޑިވްސް ބްލަޑް ސާވިސްއިން އަންނަނީ އާންމުންގެ އެހީތެރިކަމަށް އެދެމުންނެވެ. ލޭ ހަދިޔާކުރެވޭނީ އުމުރުން 18 އަހަރު ފުރި، ބަރުދަނުގައި 45 ކިލޯ ހުންނަ، އަދި ހިމަގްލޮބިން 12.5 ގައި ހުންނަ ސިއްހަތު ރަނގަޅު މީހުންނަށެވެ. މާބަނޑު މީހުންނާއި، ގާތުންދޭ މައިންގެ އިތުރުން ގައިންގަޔަށް އަރާ ބަލިތައް ހުންނަ މީހުންނަށް ލޭ ހަދިޔާއެއް ނުކުރެވޭނެއެވެ. ކޮންމެ ތިން މަހަކުން އެއްފަހަރު ލޭ ދެވޭއިރު، ލޭ ހަދިޔާކުރަން ދާއިރު މަދުވެގެން ހަ ގަޑިއިރުގެ ނިދި ހަމަކޮށް، އޭގެ އެއްގަޑިއިރު ކުރިން ކައިގެން ދިއުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.