ފ. ނިލަންދޫއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވި އެ ރަށު އަތިރީގޭ އަޙްމަދު މޫސާ (ކަތީބު ދޮންބެ) ޢުމުރުފުޅުން 100 އަހަރުގައި އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ކަތީބު ދޮންބެ އަވަހާރަވީ މިއަދު މެންދުރުފަހު 3:08 ހާއިރު ނިލަންދޫ ހޮސްޕިޓަލުގައެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، ކަތީބު ދޮންބެއަކީ މުރާލިކަމާއި އަމާނާތްތެރިކަމުގެ ގޮތުން މުޅި ދިވެހިރާއްޖެއަށްވެސް ހުރި ރީތި ނަމޫނާއެއް ކަމަށެވެ. އަދި އެއީ އެތައް ހުނަރެއް ލިބިވަޑައިގެންފައިވާ ހަރުދަނާ ޝަޚްޞިއްޔަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކަތީބު ދޮންބެއަކީ 1992 ވަނަ އަހަރު ދަނޑުވެރިކަމުގެ ރޮނގުން ޤައުމީ އިނާމުވެސް ހާސިލުކުރައްވާފައިވާ ޤައުމީ ފެންވަރުގެ ޚިދުމަތްތެރިއެކެވެ. ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ، ކަތީބު ދޮންބެގެ ދަރިންނާއި ކާފަދަރިންގެ ތެރޭގައި ޤައުމަށް ޚިދުމަތްކުރައްވާ ތަޢުލީމީ އެތައް ބޭފުޅުންނެއް ތިއްބެވުމަކީ އެ މަރްޙޫމް ނުހަނު ފަޚުރުވެރިވެވަޑައިގަންނަވާނެ ކަމެއް ކަމަށެވެ. ކަތީބު ދޮންބެ އަވަހާރަވުމުގެ ޚަބަރަކީ ފުން އަސަރުތަކެއް ކުރުވި ޚަބަރެއްކަން ފާހަގަކުރައްވައި، ރައީސް ވަނީ މަރްޙޫމްގެ ޢާއިލާއަށާއި ނިލަންދޫގެ އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ