މާތްﷲ އާއި ކީރިތި ރަސޫލާ ގެނެސްދެއްވި މަގަށް ހިޖުރަކުރުމަކީ، އިސްލާމްދީނާ ޚިލާފު ކަންކަމުން ދުރުހެލިވެ ދީނުގެ އިންތަކުގެ ތެރޭގައި އުޅުންކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
ހިޖުރީ އާ އަހަރަކާ ކުރިމަތިލާއިރު، ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިން ލިބިދޭ އިބުރަތްތަކުގެ މައްޗަށް މިއަދުގެ ޚުތުބާގައި ވަނީ ފުޅާ ދާއިރާއެއްގައި އަލިއަޅުވާލާފައެވެ. އެގޮތުން، އެކަލޭގެފާނު އުފަންވެވަޑައިގަތް ލޯބިވާ ފަސްގަނޑު ދޫކުރައްވައި ނުކުމެވަޑައިގަތީ އިސްލާމްދީނުގެ ދިފާޢުގައިކަން ފާހަގަކޮށްފައިވެއެވެ. އަދި ކޮންމެ ކަމެއްވެސް ކާމިޔާބުވުމުގެ އެންމެ މުހިންމު ސިއްރަކީ ކަންކަން ފެށުމުގެ ކުރިން ފުރިހަމައަށް ރޭވުންކަން ހިޖުރައިގެ ހާދިސާއިން ދަސްވާކަމަށް ޚުތުބާގައި ބަޔާންކުރިއެވެ.
މީގެ އިތުރުން، ދަތި އުނދަގޫ ވަގުތުތަކުގައިވެސް އީމާންކަމުގެ އަހުލުވެރިން ސާބިތުކަންމަތީ ދެމިތިބުމުގެ މުހިންމުކަން ޚުތުބާގައި ކިޔައިދީފައިވެއެވެ. އަދި އިސްލާމްދީނާ ޚިލާފަށް ކުރެވޭ ކަންކަން ދޫކޮށް ދީނުގެ ތަރަހައިގެ ތެރެއަށް ވަނުމަކީ މިއަދު އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ މަތިވެރި ހިޖުރަކަން ފާހަގަކޮށް، އެގޮތަށް ޢަމަލުތައް ބައްޓަންކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ކޮމެންޓު ފޮނުވާ