ފުލުހުންގެ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް، ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އާސިފް ނިޔާވީ ރޭ ދަންވަރު "ޕޮލިސް ލޯންޗް 57″ ގައި ކުރިއަށްދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މޫދު އަޑިން ކަމަށާއި، އއ. މަތިވެރި ސިއްޙީ މަރުކަޒަށް ހަށިގަނޑު ގެންދިޔައިރުވެސް އޮތީ ނިޔާވެފައިކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި ވަނީ، މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރައްވައި، އާއިލާއަށާއި މުޅި ފުލުހުންގެ މުއައްސަސާއަށް ފުން ހިތާމައާއެކު ތައުޒިޔާ ރައްދުކުރައްވާފައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންގެ ޚިދުމަތުގައި ދެމިހުންނެވި އާސިފް ނިޔާވިއިރު ހުންނެވީ ސީނިއަރ ސާޖަންޓްގެ މަޤާމުގައެވެ. ނަމަވެސް، މިހާރު ވަނީ އޭނާގެ މަޤާމު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަޤާމަށް ބަދަލުކުރައްވާފައެވެ. ފުލުހުންގެ މުއައްސަސާއިން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ