ތާއީދު ނުކުރާ މީހުން ބާކީ ނުކުރާނަން: މީކާއިލް

ތާއީދު ނުކުރާ މީހުން ބާކީ ނުކުރާނަން: މީކާއިލް

Author
އަހުމަދު
11 ޖޫން 2026 08:45
0

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިޚާބުވެއްޖެނަމަ، ކެމްޕޭނުގައި އޭނާއަށް ތާއީދު ނުކުރާ ފަރާތްތައް ބާކީކޮށް އެކަހެރި ނުކުރައްވާނެ ކަމަށް، އެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕޭން ނިންމާލުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް މިފަދައިން ވިދާޅުވެފައިވަނީ، އޭނާއާ ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނާ އެކު ނުތިއްބަވާ ބޭފުޅުން ތިއްބަވަން ޖެހޭނީ ދުރުގައި ކަމަށް ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕަށް ފޮނުއްވި މެސެޖަކަށް ރައްދު ދެއްވަމުންނެވެ. މީކާއިލް ވިދާޅުވީ ކެމްޕޭނުގައި އެކުގައި ނުތިބޭ މީހުން ބާކީ ކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށާއި، އޭނާގެ ދައުރެއްގައި އެފަދަ ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށެވެ.

އިންތިޚާބުގެ ތެރޭގައި ވާދަވެރިން ދައްކަވަމުންދާ ބައެއް ވާހަކަތަކުގެ ސަބަބުން 2023 ވަނަ އަހަރު ޕާޓީއަށް ކުރިމަތިވި ބައިބައިވުމުގެ ހިތްދަތި ހާލަތު އިއާދަވެދާނެ ކަމުގެ ބިރު އެބައޮތްކަން ފާހަގަކުރައްވައި، މީކާއިލް ވަނީ އޭނާގެ ދައުރެއްގައި ހުރިހާ މެންބަރުންނަށް ވެސް ޕާޓީގެ ކުރީ ސަފުން ޖާގަ ކަށަވަރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެ އިތުރުން، ޒުވާނުންނަށް ޕާޓީގެ އެންމެ މަތީ މަގާމުތަކަށް އައުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ޒުވާނުންނަށް ސިޔާސީ މައިދާނުގައި ކުރިއަށް ދިއުމަށް ހުރި ހުރަސްތައް ނައްތާލަދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.